ދުނިޔޭގެ ވިޔަފާރި

ޗައިނާގެ އޮޓޯ ސިނާޢަތުގެ ވިޔަފާރި ކުރެވޭނެކަމަށް ލަފާކުރާ މިންވަރު ދަށްކޮށްފި


ޑިމާންޑު ދަށްވެ ޗައިނާގެ އޮޓޯ ސިނާޢަތުގެ ވިޔަފާރި ކުރެވޭނެކަމަށް ލަފާކުރާ މިންވަރު ދަށްކޮށްފިއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފުރަބަންދު ކުރުމުގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ އެހެން ފިޔަވަޅުތަކާއި ހެދި ޗައިނާގެ އިޤްޠިޞާދީ ދުވެލި ވަނީ މަޑުޖެހިފައެވެ. މީގެ ސަބަބުން ތަކެތީގެ ޑިމާންޑު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

އޮޓޯ ސިނާޢަތުން 27 މިލިއަން ކާރު މިއަހަރު ވިއްކޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ މިދިޔަ އަހަރު ލަފާކޮށްފައިވާ އަދަދަށްވުރެ %3 އިތުރު އަދަދެކެވެ. މީގެކުރިން 27.5 މިލިއަން ކާރު ވިއްކޭނެ ކަމަށް ޗައިނާ އެސޯސިއޭޝަން އޮފް އޮޓޯމޮބައިލް މެންފެކްޗަރާއިން ބުނެއެވެ.

ބަހާއި ޓްރަކް ފަދަ ވެހިކަލްތަކަށް އޮތް ޑިމާންޑު ދަށްވެ، ކޮމަޝަލް ވެހިކަލްތަކުން ވިޔަފާރި ވާނެ މިންވަރު %16 އަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޗައިނާގައި ފެތުރެމުންދާ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން އޮޓޯ ސިނާޢަތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އޮޓޯ ސިނާޢަތުގެ ޑިމާންޑު އިތުރުކުރުމުގެ ގޮތުން ޗައިނާ ސަރުކާރާއި، މަރުކަޒީ ބޭންކު ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކާރުން ނަގާ ޓެކްސްވެސް މިހާރު ވަނީ ދަށްކޮށްފައެވެ.