ދުނިޔޭގެ ވިޔަފާރި

މަރސިޑީސް ބެންޒުގެ ވިޔަފާރި ދަށްވެއްޖެ


ތަކެތި ފޯރުކޮށްދިނުމުގެ ދަތިތަކާއި، ޗައިނާގެ ފުރަބަންދުގެ ސަބަބުން ޖަރުމާނުވިލާތުގެ ކާރު އުފައްދާ ކުންފުނި މަރސިޑީސް ބެންޒުގެ ވިޔަފާރި އަހަރުގެ ދެވަނަ ކުއާޓަރުގައި ދަށްވެއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިދިޔަ އޭޕްރީލް މަހުން ޖޫން މަހަށް މަރސިޑީސް އިން ވަނީ 490،000 (ހަތަރު ލައްކަ ނުވަދިހަ ހާސް) ޕެސެންޖަރ ކާރު ވިއްކާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %16 ގެ ދަށްވުމެކެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 998،000 (ނުވަ ލައްކަ ނުވަދިހަ އަށް ހާސް) ކާރު ވިއްކާފައިވާއިރު، މަރސިޑީސް ވިޔަފާރި ވަނީ %16 ދަށްވެފައެވެ.

މަރސިޑީސް ބެންޒުގެ ވިޔަފާރި އަހަރުގެ 2 ވަނަ ކުއާޓަރުގައި އެންމެ ބޮޑަށް ދަށްވީ ޗައިނާގައެވެ. މިއީ ޗައިނާގެ އެންމެ މުހިންމު އެއް ވިޔަފާރިއެވެ. ޗައިނާގެ ވިޔަފާރި ވަނީ %25 އަށް ދަށްވެފައެވެ. ޗައިނާގައި މި މުއްދަތުގައި ވިކިފައިވަނީ 163،700 (އެއް ލައްކަ ފަސްދޮޅަސް ތިން ހާސް ހަތް ސަތޭކަ) ކާރެވެ.

ފުރަބަންދުގެ ބައެއް ފިޔަވަޅުތަކާއި ހެދި މަރސިޑީސްގެ އޭޝިއާ ސަރަޙައްދުގެ ވިޔަފާރި ވަނީ %20 އަށް ދަށްވެފައެވެ. އަދި ޔޫރަޕްގެ ވިޔަފާރި %10 އަށް ދަށްވެފައިވާއިރު، ދެކުނު އެމެރިކާގެ މަރސިޑީސް ވިޔަފާރި ވަނީ %3 އަށް ދަށްވެފައެވެ.

ނަމަވެސް އިންފްލޭޝަން މަތިވަމުންދާ މި ދަނޑިވަޅުގައި މަރސިޑީސް ކުންފުނިން މިއަހަރު ވިޔަފާރި ވާނެކަމަށް ލަފާކޮށްފައިވާ މިންވަރު ވަނީ މިދިޔަ އަހަރަށްވުރެ ކުޑަ މިންވަރެއް އިތުރުކޮށްފައި ކަމަށް ކުންފުނީގެ ތަރުޖަމާނު ވިދާޅުވިއެވެ. މަރސިޑީސްގެ ވޭން ވިޔަފާރިއަށް ބަލާއިރު އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ ހަމަ ކުރިން ވިޔަފާރިވީ މިންވަރުކަމުގައިވާ 100،000 (އެއް ލައްކަ) ވޭން ވިކިފައެވެ.