ޚަބަރު

އަހަރުގެ މިހާތަނަށް 77 މީހަކަށް ދަޢުލަތުން ޤާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފި


ދަޢުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވަކީލުން ހަމަޖައްސައިދީފައިވަނީ ކުޑަކުދިންގެ މައްސަލަތަކުގައިކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި، ދަޢުލަތުން ވަނީ 109 މައްސަލައެއްގައި ޝާމިލުވާ 77 މީހަކަށް ޤާނޫނީ ވަކީލުން ހަމަޖައްސާފައެވެ. މީގެތެރެއިން ދަޢުލަތުން އެންމެ ގިނަ އަދަދަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން ޖިނާއީ އެކި ކުށްތަކުގައި، 40 ކުއްޖަކަށް ވަނީ ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ބުނާގޮތުން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރު ކުރެވޭ، ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދޭންޖެހެއެވެ.

ދަޢުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، 40 ކުޑަކުދިންގެ އިތުރުން، 18-30 އަހަރާއި ދެމެދުގެ 15 މީހަކަށާއި، 31-50 އަހަރުގެ 18 މީހަކަށާއި، 51 އަހަރުން މަތީގެ 4 މީހަކު މީގެ ތެރޭގައި ހިމެނެއެވެ.


ކުޑަކުދިންނަށް ދަޢުލަތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 7 ބާވަތެއްގެ ކުށްތަކުގައި ޝާމިލުވާ ކުޑަކުދިންނަށެވެ. އޭގެ ތެރޭގައި ވައްކަން ކުރުމާއި، މަރުގެ މައްސަލަތަކާއި، މާރާމާރީއާއި، މަސްތުވާތެއްޗާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި ޝާމިލުވާ ކުދިންވެސް ހިމެނެއެވެ.

ދަޢުލަތުގެ ފަރާތުން ޤާނޫނީ ވަކީލުން ހަމަޖެއްސި ކުޑަކުދިންނަށް ތުހުމަތުކުރެވޭ ކުށްތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ކުޑަކުދިންނާއި ގުޅުންހުރި މިފަދަ 16 މައްސަލައެއްގައި ދައުލަތުން ވަނީ ވަކީލުން ހަމަޖައްސައިދީފައެވެ. ދެން އެންމެ ގިނައީ މާރާމާރީގެ މައްސަލަތަކެވެ. މިފަދަ 14 މައްސަލައެއްގައި ކުޑަކުދިންނަށް ދަޢުލަތުގެ ފަރާތުން ޤާނޫނީ ވަކީލުން ހަމަޖައްސައިދީފައިވެއެވެ.

18 އަހަރުން މަތީގެ މީހުން ޝާމިލުވާ ކުށްތަކުގެ ތެރެއިންވެސް ދަޢުލަތުގެ ފަރާތުން އެންމެ ގިނައިން ޤާނޫނީ ވަކީލުން ހަމަޖައްސައިދީފައިވަނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައެވެ. އެފަދަ 31 މައްސަލައަކަށް ވަކީލުން ހަމަޖައްސާފައިވެއެވެ. ދެން އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެވެ. މިފަދަ 22 މައްސަލައަކަށް ދަޢުލަތުގެ ފަރާތުން ވަކީލުން ހަމަޖައްސައިދީފައިވެއެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތްމީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު އައްޔަންކޮށް ދިނުމަކީ ދަޢުލަތުގެ ޒިންމާއެކެވެ. ޤާނޫނީ އެހީއަށް އެދުނު މީހުންގެ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން 9 މީހަކަށް ލީގަލް އެއިޑް ދީފައިނުވެއެވެ.

މި މުއްދަތުގެ ތެރޭގައި 16 ބިދޭސީއަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.