އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހު ވަގުތު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު ޔޫވީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ކޮޅު ޔޫވީން ކުރިއަށް ޖެހި ކުޅުނުއިރު، މެޗުގެ ހަތްވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ނަގައިދިން ބޯޅައަކުން އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި މެޗުގެ 12 ވަނަ މިނެޓުގައި ޔޫވީގެ އައްޔަ ހުރަސްކޮށްދިން ބޯޅައެއްގައި އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކަ އިރިން ބޭރަށެވެ.
އޭގެ ފަހުން ދަ ގްރާންޑޭއިން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، އޭރިއާ ބޭރުން އެ ޓީމުގެ ހުސެއިން ނަވީން ފޮނުވާލި ބާރު ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޔޫވީގެ ސާބިއާގެ ޑިފެންޑަރު މީލޯސް ކޮވަސެވިޗް ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ، އެ ޓީމުގެ ޖަޕާނުގެ މިޑްފީލްޑަރު އެއިސޫކޭ މޯރީގެ ގައިގައި ޖެހިފައި ޝަންމުއަށް ހުސްކޮށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދަ ގްރާންޑޭއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ޔޫވީގެ އައިހަމް ސައީދު ކައިރިން ނައްޓާލުމަށްފަހު އޭރިއާ ބޭރުން އިސްމާޢީލް މަފާޒް އިބްރާހިމް ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
އަދި މެޗުގެ 67 ވަނަ މިނެޓުގައި ކޯނަރެއްގައި މަފާޒް ދިން ބޯޅައަކުން ދަ ގްރާންޑޭގެ ލަންކާގެ ފޯވާޑް މުޙައްމަދު އާކިބް ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓުގައި މަފާޒް ފޮނުވާލި ހަމަލާއެއް ޔޫވީގެ ގޯލްކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ވަނީ މަތަކޮށްފައެވެ.
މި މެޗުގައި ޔޫވީން ލީޑު ނަގާފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ބަދަލަކަށް އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގައި މުސައްނިފް މުޙައްމަދު ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ރީހާނެވެ.
މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ޔޫވީ ޖެހިލީ ކުޅުނު 17 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރުވަނައިގައި އޮތް ކުލަބު ވެލެންސިއާ މިހާރު ފަސްވަނައިގައި އޮތީ 16 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އަދި ހަވަނައިގައި އޮތް ކުލަބު ގްރީން ސްޓްރީޓްސްއަށް ވަނީ 16 މެޗުން 20 ޕޮއިންޓް ލިބިފައެވެ.
މީގެ އިތުރުން ދަ ގްރާންޑޭ ތާވަލުގެ ފުލުގައި އޮތީ ކުޅުނު 17 މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކުއެވެ. އެއާއެކު ދަ ގްރާންޑޭއަށް ވަނީ ރެލިގޭޝަނުގައި ކުޅެން ޖެހިފައެވެ.