ޚަބަރު

އިސްރާޢީލުން ޝަހީދުކޮށްލާފައިވާ މިޞްރު ސިފައިންގެ ހަށިތަކެއް ފެނިއްޖެ


އިސްރާޢީލުން ޝަހީދުކޮށްލާފައިވާ މިޞްރު ސިފައިންތަކެއްގެ ހަށިތައް ވަޅުލާފައިވާ ބޮޑު ވަޅުގަނޑެއް ފެނިއްޖެއެވެ. މި ވަޅުގަނޑު ފެނިފައި ވަނީ އިސްރާޢީލުގެ މެދުތެރޭގައި ޤުދުސްއާއި ތެލްއަވީވާ ދެމެދުގައިވާ ލަތުރޫން ކިޔާ ހިސާބަކުންނެވެ. މި ހަށިތަކަކީ 1967 ވަނަ އަހަރު އިސްރާޢީލާއި މިޞްރާ ދެމެދު ކުރި ހަނގުރާމައިގައި ޤަތުލުކޮށްފައިވާ މިޞްރު ސިފައިންގެ ބަޔެއްގެ ހަށިތައް ކަމުގައި ބެލެވެއެވެ.

މިޞްރު ސިފައިންގެ ހަށިތަކެއް ވަޅުލާފައިވާ ކަމަށް ބެލެވޭ ވަޅުގަނޑެއް ފެނި، އެ ކަން ނޫސްތަކުގައި ރިޕޯޓު ކުރުމުން، މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީ ވަނީ އިސްރާޢީލުގެ ވަގުތީ ބޮޑުވަޒީރު ޔައީރު ލަޕީދަށް ފޯނުން ގުޅުއްވާފައެވެ. އަލްސީސީއާ އެކު ބޭއްވި މަޝްވަރާތަކުގައި އެ ތަނުން ފެނިފައިވާ ކޮން ބަޔެއްގެ ހަށިތަކެއް ކަން ކަށަވަރު ކުރުމަށް ތަހުޤީޤު ހިންގާނެ ކަމަށް ލަޕީދު ވިދާޅުވި ކަމުގައި އޭނާގެ އޮފީހުން ބުނެއެވެ.

ލަޕީދު ވަނީ، މި ތަހުޤީޤާ ގުޅޭ ހުރިހާ މަޢުލޫމާތެއް މިޞްރުގެ ސަރުކާރާ ހިއްސާ ކުރުމަށް ވެސް އިސްރާޢީލުގެ އަސްކަރިއްޔާއަށް އަންގާފައެވެ. 1967 ވަނަ އަހަރު އިސްރާޢީލާއި މިޞްރާ ދެމެދު ހިނގާފައިވާ ޢަރަބި-އިސްރާޢީލް ހަނގުރާމައިގައި އިސްރާޢީލާ ދެކޮޅަށް މިޞްރުގެ އިތުރުން ޢުރުދުނާއި ސޫރިޔާގެ ސިފައިން ވެސް ތެދުވިއެވެ.

ހަ ދުވަހުގެ ހަނގުރާމައިގެ ނަން ދީފައިވާ މި ހަނގުރާމައަށް ފަހު އިސްރާޢީލާއި މިޞްރާ ދެމެދު 1973 ވަނަ އަހަރު ވެސް އިތުރު ހަނގުރާމައެއް ވަނީ ހިނގާފައެވެ. މި ދެ ޤައުމުގެ ދެމެދުގައި ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާ ޞުލްޙަ ޤާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުއެވެ.