ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު ރަނގަޅު: ފޮރިން މިނިސްޓްރީ


އަވަށްޓެރި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ޙާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ އިޤްތިޞާދީ ހާލަތު ގޯސްވެ، ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާއިރު، އެޤައުމުގެ ބޮޑުވަޒީރާއި ރައީސްވެސް އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. ލަންކާއަކީ ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ޢާއިލާތަށް ދިރިއުޅެމުންދާ ޤައުމަކެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިއުކޭޝަން ޑިރެކްޓަރ މިއުވާން މުޙައްމަދު ވިދާޅުވީ، ލަންކާގައި ދިމާވެގެން އުޅޭ ޙާލަތާއި ގުޅިގެން ފޮރިން މިނިސްޓްރީއާއި، ލަންކާގައި ހުންނަ ދިވެހި އެމްބަސީންވެސް ކައިރިން ކަންކަން ބަލަމުންދާކަމަށެވެ. ލަންކާގެ އިޤްތިޞާދީ ޙާލަތާއި، ހުރި ގޮންޖެހުންތައް ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ސާފުވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ދިވެހިންނަކީ މިފަދަ ޙާލަތްތަކުގައި އެޤައުމުތަކުގެ ސަރުކާރުތަކުންނާއި، އަދި ލަންކާގައި ހުންނަ އެމްބަސީން އަންގާ އެންގުންތަކަށް ބޯލަބައި، އަމަލު ކުރަންދާ ބައެއްކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މިޙާދިސާގައި މިހާތަނަށް އެއްވެސް ދިވެހި ރައްޔިތަކަށް އެއްވެސް ކަމެއް ދިމާވެގެން ރިޕޯޓެއް ލިބިފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ލަންކާގެ ޙާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި، އެފަދަ ޙާލަތެއް އައިސްފިނަމަ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިހާރުވެސް ލިބޭ ގޮތަށް ލިބިގެންދާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިޢުފާ ނުދެއްވަނީސް، ސަރުކާރާ ދެކޮޅަށް ލަންކާގައި ފަށާފައިވާ މުޒާހަރާތައް ހުއްޓައި ނުލާނެ ކަމުގައި މުޒާހަރާ ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މުޒާހަރާތައް ފެށުމުގެ ކުރިން ރާޖަޕަކްސް ވަނީ ފިއްލަވާފައެވެ. އަދި، އިސްތިޢުފާ ދޭން ނިންމެވިކަން އިޢުލާނު ކުރެއްވުން ފިޔަވައި، ޤައުމުގެ ޙާލަތާ ގުޅޭ ގޮތުން އިތުރު ވާހަކަފުޅެއް ދައްކަވާފައެއް ނެތެވެ. ބޮޑުވަޒީރު ވިކްރަމަސިންހަގެ އޮފީހުން ވެސް ހަމައެކަނި ބުނެފައި ވަނީ އޭނާވެސް އިސްތިޢުފާ ދެއްވާނެ ކަމުގައެވެ.