ޚަބަރު

އުނގޫފާރުގައި ތެލަސީމިއާއަށް ސްކްރީންކުރުމުގެ ޚިދުމަތް ފަށައިފި


ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ތެލެސީމިއާއަށް ސްކްރީންކުރުމުގެ ޚިދުމަތް ފައްޓަވައިފިއެވެ.އެ ހޮސްޕިޓަލުގައި ހުކުރުދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އިރުތިޝާމް އާދަމެވެ. މި ޚިދުމަތް ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަރ ވަނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ތެލެސީމިއާއަށް ސްކްރީން ކުރެވުނު ދެފަރާތަކަށް، ތެލެސީމިޔާ ކާޑު ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އުނގޫފާރުގައި ތެލެސީމިއާއަށް ސްކްރީންކުރުމުގެ ޚިދުމަތް ފެށުމާއިއެކު މާލެ ފިޔަވާ، ޖުމްލަ 9 ސަރަހައްދެއްގައި މިޚިދުމަތް ޤާއިމްކުރެވިގެން ގޮސްފައިވާކަމަށެވެ. އަދި މިފަދަ ޚިދުމަތް ތަކާއިއެކު ހޮސްޕިޓަލަށް ލިބޭ ކުރިއެރުންތަކުގެ ބޭނުންކޮށް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ސަރަހައްދުގެ އެހެން ރަށްރަށުގައި ބްލަޑް ކޭމްޕްތަށް ފަދަ ކަންކަން ހިންގާ އެ ކޭމްޕްތަކުން އެއްކުރެވޭ ލޭ އެ ބޭނުންޖެހިފައި ވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުން ހޮސްޕިޓަލްތަކުގެ މުޢައްޒަފުންނާއި އާންމު ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ފުރިހަމަ ކުރެއްވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.ރ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ހެލްތު މިނިސްޓަރ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ހޮސްޕިޓަލުގައި މާބަނޑު އަނަހެނުންނަށް ހާއްސަކޮށް ކަސްރަތާއި އެނޫންވެސް ޚިދުމަތްތައް ލިބޭނެ ފަދަ ވެލް ވިމެން ކްލިނިކަކާއި، ގާތުންދޭ މައިނަށް ހާއްސަ ބްރެސްޓް ފީޑިންގ ރޫމެއް ވަނީ ހުޅުއްވައިދެއްވާފައެވެ.