ޚަބަރު

އިންޑިއާ އޮފިޝަލުން ކަސްޓޯޑިއަލްއަށް ވަތްކަމަށް ބުނެ ފަތުރަނީ ހަޤީގަތާއި ހިލާފު ވާހަކަތަކެއް!


ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި މީހުން ތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލުން ވަތްކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައި ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރާތީ ހައްޔަރު ކުރި މީހުންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލަކު ވަނީ މިހަމަނުޖެހުމުގައި ހަޔަރުކޮށްފައިވާ މީހުންތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަދެފައިވާކަމަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް މިވާހަކަތައް ދޮގުކޮށް ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި މީހުން ބަންދުގައި ބައިތިއްބާފައި ތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަތް ކަމަށްބުނެ ބަންދުގައި ތިބި މީހުންގެ ވަކީލުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ގެނެސްދީފައިވާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށެވެ.

މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިނލަބުވެ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއިމެދު ނަފްރަތު އުފެދި އިތުބާރު ގެއްލިދާނެފަދަ ކަމެއްކަމުގައި ވީހިނދު، މިފަދަ ޚަބަރުތައް ގެނެސް ދިނުމުގައި އިތުބާރުކުރެވޭ މަސްދަރުތަކުން ޔަގީން ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޔޯގާ ހަމަނުޖެހުން ހިނގި މީޙުން ވަނީ ދަނޑަށް ވަދެ، އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. އަދި ބައެއް މީހުންނަށްވެސް ހަމަލާދީފައިވާކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ. ރާއްޖޭގައި 2014ވަނަ އަހަރުން ފެށިގެން ކޮންމެ އަހަކު އަންނަނީ ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މިފަދަ އެއްވެސް ހަރަކާތަކަށް މިގޮތަށް ހުރަސް އަޅާފައި ނުވާއިރު، މިއީ ވަކިމަޤުސަދެއްގައި ހިންގި އަމަލެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސް ވަނީ ވިދާޅުވެފައެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި، ހައިކޮމިޝަންތަކުގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ. މިހަރަކާތަށް ހުރަސްއަޅައި ހިންގި އަމަލު ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށް އެއަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުލަވާލައްވާފައެވެ.