ޚަބަރު

ރަންދިހަ ފަހެއް ނޫޓް ސީރީޒް: އެކި މީހުންގެ ޚިޔާލު ތަފާތު


ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރގެ ގޮތުގައި ބޭނުންކުރާ ފައިސާއަކީ ކޮލިޓީގެ ގޮތުންނާއި، ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފައިސާއަކަށް ހެއްދެވުމަށް ދައުލަތުން ގިނަ މަސައްކަތަތެއް ފާއިތުވެދިޔަ އަހަރުތަކުގައި ކުރެއްވިއެވެ. އަދި އެކަން ދިވެހި ސަރުކާރުން މިވަނީ ކާމިޔާބުވެސް ކުރައްވާފައެވެ. ރާއްޖޭގައި ބޭނުންކުރަމުން އައި ފައިސާގެ ބަދަލުގައި ފައިސާގެ އާ ނޫޓުތަކެއް މިމަހުގެ 26 ވަނަ ދުވަހު މިވަނީ ބޭނުންކުރަން ފަށާފައެވެ. މި ނޫޓް ބޭނުންކުރަން ފެށިފަހުން ބުރާސްފަތި ދުވަސް ވެފައިވަނީ އެންމެ ގިނަ ޢަދަދަކަށް ޢާންމުންގެ އަތަށް އާ ނޫޓު އެރި ދުވަސްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި މާލޭގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިކަން ބެލުމަށް ޕީއެސްއެމްގެ ނިއުސްޓީމުން ޒިޔާރަތްކުރިއެވެ. އަޅުގަނޑުމެންނަށް ފެނުނު މަންޒަރަކީ އެހެން ދުވަސްތަކާ ޚިލާފަށް އޭޓީއެމްތަކަށް ފައިސާ ނަގަން ގޮސް ތިބި މީހުންގެ ޢަދަދު ގިނަކަމެވެ. މީގެ ސަބަބަކީ އެދުވަހަކީ ބައެއް މުއައްސަސާތަކުން މުވައްޒަފުންނަށް މުސާރަ ޖަމާކުރި ދުވަހަށްވުމެވެ. ކޮންމެ މީހަކުވެސް މުސާރަ ނަގަމުން ދިޔައިރު އެ ނޫޓުތަކަކަކީ އާ ނޫޓުތައްކަންވެސް ފާހަގަކުރެވުނެވެ. އޭޓީއެމް ކައިރީ ކިއޫގައި ތިބި ބައެއް މީހުން ބުނީ ފައިސާ ނަގަނީ ވަކި ކަމެއް އޮވެގެން ނޫންކަމަށާއި ނަމަވެސް އާ ނޫޓް ތަޖުރިބާ ކޮށްލުމުގެ ބޭނުމުގައިކަމަށެވެ. މިފަރާތްތަކާ އަޅުގަނޑުމެން ޓީމުން ވާހަކަ ދައްކާލުމުން ގިނަ ބަޔަކު ނޫޓާދޭތެރޭގައި ހިތްހަމަޖެހުން ފާޅުކުރިއިރު، އަނެއްބައި މީހުންގެ ޚިޔާލު އެމީހުންނާއި ކޮންމެވެސް ވަރަކަށް ތަފާތެވެ. " ސެކިއުރީޓީ ފީޗާރޒް ރަނގަޅު ނޫޓްތަކެއް. އެކަމަކު ވަކި ކަހަލަ ވޮލެޓްތަކަށް މިފައިސާ ނުލެވޭތީ މައްސަލައަކީ " އޭޓީއެމްއިން ފައިސާ ނެގި ޒުވާނަކު ބުންޏެވެ. ކުދިކުދި މައްސަލަތަކެއް ބައެއް ފަރާތްތަކުން ފާހަގަކުރިޔަސް، މައިގަނޑު ގޮތެއްގައި ހުރިހާ ފަރާތަކުންވެސް ފާހަގަކުރީ އާ ނޫޓްތަކުގެ ފެންވަރު ރަނގަޅުކަމާއި ސަލާމަތީގޮތުން ވަރުގަދަކަމެވެ." ވަރަށް ފަސޭހަ ގެންގުޅެންވެސް، އަދި އަތްލުމުން ވަކިވަކި ނޫޓްތައް ފާހަގަކުރަން އެނގޭތީ ވަރަށް ފަސޭހަ " އޭޓީއެމްއިން ފައިސާ ނެގި އަންހެނަކު ބުންޏެވެ. ކޮންމެއަކަސް އާނޫޓު ތާރީޚުގެ ތެރެއަށް ވަދެގެން މިދިޔައީ ވަރަށް ބޮޑު ޝަރަފަކާވެސް އެކުގައެވެ. ތިރީސް އަހަރަށްވުރެ ގިނަދުވަސްފަހުން ނޫޓު ބަދަލުވެގެން ދިޔައިރު މި ނޫޓަކީ ދިވެހި ތާރީޚުގައި އަންހެން ބޭފުޅަކު ގަވަރުނަރަކަށް ހުންނަވައިގެން ސޮއިކުރައްވާ ނެރުއްވި ފުރަތަމަ ފައިސާގެ ނޫޓުކަން ފާހަގަކުރެވެއެވެ. ދިވެހި ރުފިޔާގެ އާނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ އަދި ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއް ނޫނެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށްވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ.