ޚަބަރު

ކަޝްމީރުގައި ފެންބޮޑުވެ 16 މީހުން މަރުވެއްޖެ


އިންޑިޔާގެ އުތުރުގައިވާ ކަޝްމީރުގައި އެ ޤައުމުން ކޮންޓްރޯލް ކުރާ ސަރަޙައްދުގެ ފަރުބަދަމަތީ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 16 މީހުން މަރުވެއްޖެއެވެ. ޖައްމޫއާއި ކަޝްމީރުގެ ވެރިރަށް ސްރީނަގަރާ 114 ކިލޯމީޓަރު ދުރުގައި އޮންނަ ފަރުބަދަމަތީ ސަރަޙައްދުގައި ފެންބޮޑުވުމާ ގުޅިގެން އިތުރު 40 ވަރަކަށް މީހަކު ވަނީ ގެއްލިފައެވެ.

މި ހާދިސާގައި އަނިޔާވި މީހުންނާށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކަށް ގެންދިޔުމާއި، މަރުވި މީހުންގެ ހަށިތައް އުފުލުމަށް އިންޑިޔާގެ އަސްކަރިއްޔާއާއި ޢާންމުން ގުޅިގެން ދަނީ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންނެވެ. ފެންބޮޑުވުމުގެ ހާދިސާގައި އަނިޔާވި 35 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެ ސަރަޙައްދުގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ބުނެއެވެ. އަދި، ގެއްލިފައިވާ މީހުން ހޯދުމަށް ވެސް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިޔާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ، އެ ސަރަޙައްދުގައި ކުއްލި ގޮތަކަށް ފެންބޮޑުވާން މެދުވެރިވީ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމުގައެވެ. ދެ ގަޑިއިރުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަޙައްދަށް 31 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.