ޚަބަރު

ބޮޑެތި ފައިސާގެ އިނާމްތަކާއެކު ވާހަކަލިޔުމުގެ މުބާރާތެއް ބާއްވަނީ


ބޮޑެތި ފައިސާގެ އިނާމްތަކަކާއެކު ލިޔުންތެރިންގެ ގުޅުމުގެ ވާހަކަލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅަވާލައިފިއެވެ.

މި މުބާރާތަކީ ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ވާހަކަ ލިޔުމަށް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ލިޔުންތެރިންގެ ޖަމިއްޔާއިން ބުނީ މި މުބާރާތުގެ މަގުސަދަކީ ޅަ ޒުވާން ފުރައިގެ މީހުން ކިޔަން ޝައުގުވެރިވާނެފަދަ ވާހަކަތަކެއް ލިޔެ ޝާއިއުކުރެވޭނެ މަގު ތަނަވަސްކުރުންކަމަށެވެ. އަދި އެ ވާހަކަތައް މެދުވެރިކޮށް ދިވެހި މާހައުލާއި ދިވެހި މުޖުތަމައުގެ ހާލަތާއި ކަންހިނގާ ގޮތް ދެއްކުމުގެ އިތުރުން ދިވެހި ސަގާފަތާއި ދިރިއުޅުން ވާހަކަތަކުގެ ސިފައިގައި ލިޔެ ރައްކާކުރުމަކީވެސް މުބާރާތް ބޭއްވުމުގެ މަގްސަދެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި މުބާރާތުގެ ވާހަކަތައް ހުށަހެޅުމަށް 3 ދާއިރާއެއް ވަނީ ކަނޑައަޅާފައެވެ. އެއީ ތާރީޚީ ހާދިސާއާއި ދިވެހިންގެ މަސައްކަތްތެރިކަމާއި ދިވެހިންގެ ދިރިއުޅުމާއި އާދަކާދައެވެ.

މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެހެން އެއްވެސް މުބާރާތަކަށް ހުށަހަޅާފައިނުވާ އަދި ޝާއިއުކޮށްފައިނުވާ ވާހަކައަކަށްވުމާއި ކަނޑައަޅާފައިވާ ދާއިރާތަކުން ދާއިރާއަކަށް ލިޔެފައިވާ ވާހަކައަކަށްވުމާއި ހުށަހަޅާ ލިޔުންތެރިޔާގެ އަމިއްލަ ވާހަކައަކަށް ވާންޖެހޭނެއެވެ. އަދި ދިވެހިބަހުން ލިޔެފައިވާ ވާހަކައަކަށްވުމުގެ އިތުރުން ދިގު، ކުރު ވާހަކަ ނުވަތަ ނޮވެލްޓް ގިންތިއަށް ފެތޭ ދިގުމިނުގެ ވާހަކައަކަށް ވާންޖެހޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. ފޯމު ފުރުމަށްފަހު ހުށަހެޅުމާ އެކު ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވުމަށް ދައުވަތު ލިބިގެންދާނެއެވެ. މިބައްދަލުވުމުގެ ބޭނުމަކީ ވާހަކަ ލިޔަންޖެހޭ މައުޟޫއޫތައް ބުނެދިނުމާއި ވާހަކަ ބައްޓަން ކުރަންވީ ގޮތް އޮޅުންފިލުވައި ދިނުމެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ރޭ 12 ގެ ކުރިންނެވެ. މި މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 25000 ރުފިޔާ، ދެވަނައަށް 15000 ރުފިޔާ އަދި ތިންވަނައަށް 10000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމެއް ލިބޭނެ އެވެ.

މުބާރާތުގައި ވަނަތަކަށް ހޮވޭ ވާހަކަތައް ލިޔުންތެރިންގެ ގުޅުމުން ޗާޕުކުރާ ގޮތަށް އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ.