ޚަބަރު

ނާއިބު ރައީސް، ބ.އަތޮޅު ހޮސްޕިޓަލާއި އަމާންވެށީގެ ހާލަތު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ބ.އަތޮޅު އޭދަފުއްޓަށް ވަޑައިގެން އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލާ ފެމެލީ އެންޑް ޗިލްރަންސް ސާވިސް ސެންޓަރުގެ ދަށުން ހިންގަމުން އަންނަ އަމާންވެށީގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް އޭދަފުށްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ދަށުން ހިންގަމުން އަންނަ އަމާންވެއްޓަށެވެ. އެތަނަށް ޒިޔާރަތް ކުރައްވާ އެސެންޓަރުގައި ދައުލަތުގެ ބެލުމުގެ ދަށުން ބަލަމުންގެންދާ ކުދިންނާއި ބައްދަލުކޮށް އެކުދިންގެ ހާލު ވަނީ ބައްލަވާލާފައެވެ. އަދި އެކުދިން އެމާހައުލުގައި އުޅުއްވާއިރު ދިމާވާ އެންމެހާ ކަންކަން ނާއިބު ރައީސް ވަނީ އޮޅުންފިލުއްވަފާއެވެ. އަދި އެސެންޓަރުގައި ކުދިން ބައިތިއްބާ އިމާރާތުގެ ހާލަތުވެސް ނާއިބު ރައީސް ފައިސަލް ނަސީމް ބައްލަވާލެއްވިއެވެ.

ބ.އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ ސިއްހީ ދާއިރާ ކުރިއެރުވުމަށް ހުރި ދަތިތަކާއި ގުޅޭ މައުލޫމާތު ނާއިބު ރައީސް އޮޅުންފިލުއްވައި، އެ ހޮސްޕިޓަލުގައި އަލަށް ހަދާފައިވާ ޑައިލެސިސް ޔުނިޓް ބައްލަވާލެއްވިއެވެ. އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްމުންގެންދާ މަސައްކަތްތައް އެ ހޮސްޕިޓަލުގެ ވެރިންނާއި ނާއިބު ރައީސް ހިއްސާ ކުރެއްވިއެވެ.

އޭދަފުށްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެރަށު ކައުންސިލާވެސް ނާއިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރެއްވިއެވެ. އަދި އެ ރަށަށް މިހާރު އެންމެ ބޭނުންވާ ކަންކަން ކައުންސިލުން ނާއިބު ރައީސް ފައިސަލް ނަސީމްއާ ހިއްސާ ކުރެއްވިއެވެ. ނާއިބު ރައީސް މިހާރު ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅަކީ ދަރަވަންދޫގައި ފާހަގަކުރާ މަގޭ އީދުގެ ހަރަކާތްތަތަކުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.