ޚަބަރު

ކުރީގެ ސީ ޕްލޭން ޓަރމިނަލް 3 މަސްތެރޭ ނަގައި، އައު ރަންވޭ ހުޅުވަނީ


ކުރިއަށް އޮތް 3 މަސް ތެރޭގައި ކުރީގެ ސީ ޕްލޭން ޓަރމިނަލް ނަގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢު ހިމަނައިގެން، އައު ރަންވޭ ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުއެވެ. ރަންވޭގެ ޢަމަލީ މަސައްކަތް ނިންމާ 2018ވަނަ ޓެސްޓް ފްލައިޓްވެސް އައު ރަންވޭއަށް ޖައްސާއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވަނީ، އައު ރަންވޭ ބޭނުން ކުރަން ނުފެށި ވަނީ ރަންވޭ އޮތް ސަރަޙައްދު ބައިނަލްއަޤްވާމީ ސްޓޭންޑަރޑްތަކަށް ނުފެތޭތީކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މިހާރު ބޭނުންކުރަމުންދާ ސީ ޕްލޭން ޓަރމިނަލް، ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ރަންވޭއާއި ކައިރިވުމެވެ.

އާ ރަންވޭ ހުޅުވުމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޠާހާ ވިދާޅުވީ، މިހާރު ތަރައްޤީކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލަށް ހުރިހާ ޚިދުމަތްތައް ބަދަލުކުރެވުމާއެކު، ކުރީގެ ޓަރމިނަލް ނެގުމުގެ މަސައްކަތް ފަށާނެއެވެ.

މިހާރުވަނީ ގިނަ ޚިދުމަތްތައް އަައު ސީޕްލޭން ޓަރމިނަލަށް ބަދަލުކޮށް، އުދުހުންތައްވެސް އައު ސީޕްލޭންގެ ޑޮކުން ދޭން ފަށާފައެވެ. ނަމަވެސް އައު ޓަރމިނަލަށް ހުރިހާ އޮޕަރޭޝަންތައް ބަދަލުކުރަން ހަފްތާއެއްހާ މުއްދަތެއް ނަގާނެކަމަށް ތާޙާ ވިދާޅުވިއެވެ.

ޠާހާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރ ޓީއެމްއޭގެ ގިނަ ޚިދުމަތްތައްވެސް މިހާރު ވަނީ އައު ޓަރމިނަލަށް ބަދަލުކޮށްފައިކަމަށެވެ. ނަމަވެސް އަދިވެސް ބައެއް އޮޕަރޭޓަރުންގެ ޚިދުމަތްތައް ކުރީގައި ޓަރމިނަލްގައި ހުރިކަން ތާޙާ ފާހަގަކުރެއްވިއެވެ. މިޚިދުމަތްތައްވެސް ވަރަށް އަވަހަށް އައު ޓަރމިނަލަށް ބަދަލުކޮށް، ކުރީގެ ސީ ޕްލޭން ޓަރމިނަލް ނެގުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ޠާހާ ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ އަހަރުގެ ފަހު ކުއާޓަރުގައި އައު ރަންވޭ ބޭނުންކުރަން ފެށުން ކަމަށާއި، އެކަމަށް ބޭނުންވާ ތައްޔާރީތައް ފުރިހަމައަށް ވަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ މޫވްމަންޓްތައް ވަނީ އައު ޓަރމިނަލަށް ބަދަލުކޮށްފައި. ކުޑަ އޮޕަރޭޝަނެއް އައު ޓަރމިނަލަށް ބަދަލު ނުކުރެވި ވަނީ. މި ހުރިހާ މަސައްކަތެއް ނިންމާ 3 މަސް ތެރޭގައި އައު ރަންވޭ ހުޅުވުމަށް މިމަސައްކަތް ކުރަނީ." ޠާހާ ވިދާޅުވިއެވެ.

މިހާރު އައު ރަންވޭ ބޭނުންކުރަމުން ދަނީ ޓެކްސީ ވޭ އެއްގެ ގޮތުގައެެވެ. މިއާއެކު މިހާރުވެސް ވީއައިއޭގެ ދަތުރުތައް ވަނީ އަވަސްވެފައެވެ.

ޠާހާ ވިދާޅުވީ ސީ ޕްލޭން ޓަރމިނަލް ނުހުޅުވި ދިގު މުއްދަތެއްވީ، ތަނަށް ބޭނުންވާ މުވައްޒަފުން ނެގުމާއި އެމީހުން ޓްރެއިންކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑަށް ބޭނުންވާ ޓްރައިލްތައް ފުރިހަމަކުރުމަށްކަމަށެވެ. އައު ޓަރމިނަލްގެ ޓްރައިލްތައްވެސް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ.

ވީ.އައި.އޭގެ އައު ރަންވޭއަކީ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑް.އެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ޖެއްސޭނެހެން ފަރުމާކޮށްފައިވާ ރަންވޭއެކެވެ.