ޚަބަރު

ދާންދޫ ބިންހިއްކުން: ރަށުގެ މިސްރާބު އިޤްތިޞާދު ފުޅާކުރުމަށް


ގއ.ދާންދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ދާންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފަައިވަނީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ގއ.ދާންދޫއަކީ 2000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގެ އާބާދީ އިތުރުވެ މީގެ އަހަރުތަކެއް ކުރިންވެސް އެރަށަށް، ބިން އިތުރުކުރުމަށް ބިން ހިއްކާފައިވެއެވެ. ބިމުން ބޮޑު ބައެއް ދޫކޮށްފައިވަނީ ރަށުން ގޯތި ދިނުމަށެވެ. ނަމަވެސް ބައެއް އާއްމު ޚިދުމަތްތަކަށްވެސް އެސަރަޙައްދުން ބިން ދޫކޮށްފައިވެއެވެ.

ކުރިން ހިއްކި ސަރަޙައްދު ކުޑަވުމުގެ ސަބަބުން، ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ނުލިބެއެވެ. އޭރުވެސް ބިން ހިއްކަން ޖެހުނީ، ރަށުގައި އިތުރަށް ގޯތި ދޫކުރުމާއި އަދި ވިޔަފާރިއަށް ދޫކުރުމަށް އެއްވެސް ބިންކޮޅެއް ނެތުމުންނެވެ.

18 ހެކްޓަރުގެ ދާންދޫގެ ބިން ބޮޑުކުރުމަށް އިތުރަށް ބިން ހިއްކަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ރަށުގައި އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމެވެ. ދާންދޫ އަކީ މަސްވެރި ރަށެކެވެ. ރަށުގެ އިޤްތިޞާދު ފުޅާކުރުމަށް، ދަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުމަށް ބޭނުންވި ނަމަވެސް، ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މިވިޔަފާރި ރަށުގައި ފުޅާ ކުރެވޭކަށް ނެތެވެ.

2020ވަނަ އަހަރު ސަރުކާރުން އެމްޓީސީއާއި ހަވާލުކޮށްފައިވަނީ ދާންދޫއަށް 25 ހެކްޓަރުގެ ބިން އިތުރުކުރުމަށެވެ. ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލްގެ މަސައްކަތް ނިންމާ އެމްޓީސީސީން މިހާރު މިވަނީ ދާންދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. މި ޕްރޮޖެކްޓްގައި ހިމެނެނީ ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތެވެ.

ބިން ހިއްކާ، 1238 މީޓަރުގެ ސަރަޙައްދުގައި ބޮޑު ހިލައިގެ ތޮއްޓެއް ލުމާއި، 240 މީޓަރުގެ ސަރަޙައްދުގައި ގްރޮއިންސް ޖެހުންވެސް މިމަޝްރޫޢުގައި ހިމެނެއެވެ.

މި މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ ރަށުގައި އާއްމު ޚިދުމަތްތައް ފުޅާކުރުމާއި، ވިޔަފާރިއާއި އަދި ޚާއްސަކޮށް ރަށުގައި ދަތުރުވެރިކަން ކުރިއެރުވުމަށް ބިން ދޫކުރުމެވެ.

އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމުމަށެވެ. އަދި އެއަށް ފަހު ހިއްކި ބިން ޙިމާޔަތް ކުރުން ކުރިއަށްދާނެއެވެ.

ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫޢަކީ ސަރުކާރުން، 186.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.