ޚަބަރު

އެމެރިކާއިން ޔޫކްރެއިނަށް 400 މިލިޔަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް


ޔޫކްރެއިނަށް އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޮނުވަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފިއެވެ. 400 މިލިޔަން ޑޮލަރުގެ މި ޕެކޭޖުގައި, ހަތަރު ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހައިމާސް) ހިމެނޭނެއެވެ. ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޮނުވަން އެމެރިކާއިން ނިންމާފައި މި ވަނީ އެ ޤައުމަށް އަަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާ ސިފައިންގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައި ވާ ދަނޑިވަޅެއްގައެވެ.

ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިނަށް އަރައި ހަމަލާދޭން ފެށީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި, ހަމަލާތަކުގައި ޔޫކްރެއިނުގެ އިރުމަތީގައިވާ ދޮންބެސް ރީޖަންގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ އަތްގަދަކޮށްފައެވެ. ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތައް ހިފުމަށެވެ.

ޔޫކްރެއިންގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންގެ އަތުގައި އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ނެތުމަކީ, ހަނގުރާމައިގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ އެއް ސަބަބު ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި, ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ޔޫކްރެއިނުން ދަނީ އެ ޤައުަމަށް ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަން އިތުރު ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލަމުންނެވެ.

މި ގޮވައިލުމަށް އިޖާބަދީ އެމެރިކާއިން މީގެ ކުރިން ވެސް ވަނީ ޔޫކްރެއިނަށް ހަތިޔާރުު ފޮނުވާފައެވެ. ޔޫކްރެއިން ސިފައިން އެމެރިކާގެ ހައިމާސް މަރުކާގެ 8 ރޮކެޓް ސިސްޓަމް މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ. މި ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާ ސިފައިންގެ އަމާޒުތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް ޔޫކްރެއިންގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމެރިކާއިން މިފަދަ ފަހުގެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދޭން އެއްބަސްވީ, މިފަދަ އެއްވެސް ހަތިޔާރެއް ބޭނުންކޮށްގެން ރަޝިޔާގެ އެއްވެސް ސަރަޙައްދަކަށް ހަމަލާ ނުދޭނެ ކަމުގެ ޔަޤީންކަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ދެއްވުމުންނެވެ. އެމެރިކާއިން ފޮނުވަން އެއްބަސްވެފައިވާ އަސްކަރީ ޕެކޭޖުގައި ހައިމާސް ސިސްޓަމްގެ އިތުރުން ހޮވިޓްޒަރ އާޓިލަރީ ސިސްޓަމުގައި ބޭނުން ކުރާ ބޮން ހިމެނެއެވެ