ސުރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިޢުފާދެއްވަން ނިންމަވައިފިއެވެ.
ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ރަނިލްގެ ގެކޮޅަށް ޢާއްމުން ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށް ރަނިލް އިސްތިޢުފާދެއްވަން ނިންމަވާފައިވަނީ އެ ޤައުމުގެ ސިޔާސީވެރިންނާ ބައްދަލުކުރެއްވުމަށްފަހުއެވެ. އެ ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ވެރިރަށް ކޮލަމްބޯގައި އިތުރު މުޒާހަރާތަކެއް ބޭއްވުމުން އެ ރަށުގައިވަނީ ކާފިޔު އިޢުލާނުކޮށްފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުގެ އަމުރަށް ބެލުމެއް ނެތި ރެކޯޑު ޢަދަދެއްގެ ބަޔަކުވަނީ މަގުމައްޗަށް ނުކުމެފައެވެ. އެންމެ ފަހުގެ މުޒާހަރާތަކުގައި ބައިވެރިވެފައިވާ މީހުންގެ ތެރޭގައި ގިނައީ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނެވެ.