ހެނބަދުއިން ގެއްލިގެން ހޯދަމުންދާ އެރަށު ކުންނާރުގޭ އިބްރާޙިމް ރަމީޒް ފުރައިގެން ދިޔަ ކަމަށް ބުނާ ކެނޯ އެއަތޮޅުު ކެނދިކުޅުދޫގެ ގޮނޑުދޮށުން ފެނިފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ކެނދިކުޅުދޫ ކައުންސިލާ ހަވާލާދީ، ނ.ހެނބަދޫ ކައުންސިލުން ވިދާޅުވީ ކެނޯ ފެނިފައިވަނީ ގޮނޑުދޮށަށް ލައްގާފައިވަނިކޮށް މިއަދު ހެނދުނުކަމަށެވެ. އަދި އެ މަޢުލޫމާތު މިހާރު ވަނީ ކަމާއި ގުޅުންހުރި އިދާރާތަކާ ޙިއްސާކޮށްފައެވެ.
ނ.ހެނބަދޫ ކުންނާރުގޭ އިބްރާޙިމް ރަމީޒް ގެއްލިގެން ރިޕޯޓްކުރީ މިދިޔަ ބުދަދުވަހުގެ ރޭ 7:00 ހާއިރުއެވެ. އޭނާ ގެއްލިގެން ރިޕޯޓްކުރީ، ބުދަ ދުވަހުގެ ހެނދުނުން ފަށައިގެން ރަމީޒްގެ އެއްވެސް ހަބަރެއް ނުވާކަމަށް އާއިލާއިން ބުނުމުންނެވެ.
ރަމީޒް އެންމެ ފަހުން ފެނުނީ އެރަށުގެ ބަނދަރު ސަރަޙައްދުން، ހެނދުނު 08:00ހާއިރުއެވެ. ނަމަވެސް ރަށުގެ ފިހާރައަކުން އޭނާ އެދުވަހު އިރުއޮއްސުނު ވަގުތު ވިޔަފާރިކުރި ކަމަށް ބުނާ މަޢުލޫމާތެއްވެސް ލިބުނު ކަމަށް ރަށު ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ޕީއެސްއެމްއަށް މަޢުލޫމާތުދިނެވެ. އެންމެ ފަހުން ފެނުނުއިރު ރަމީޒް ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ.
ރަމީޒްގެ އާއިލާއިން މީގެކުރިންވެސް ބުނެފައިވަނީ، ރަމީޒްގެ ބައްޕަ ގެންގުޅޭ ކެނޯއެއްގައި އޭނާ ކަނޑު މައްޗަށް ނުކުތްކަމަށް ލަފާކުރެވޭ ކަމަށެވެ. ރަމީޒް ގެއްލުނު ދުވަހު، ކެނޯވެސް ވަނީ ގެއްލިފައެވެ. އަދި އެ ކެނޯ މިހާރު މިވަނީ ކެނދިކުޅުދޫގެ ގޮނޑުދޮށުން ފެނިފައެވެ. ނަމަވެސް ރަމީޒްގެ އެއްވެސް ހަބަރެއް ނުވެއެވެ. ކެނޯ ފެނުނު ކެނދިކުޅުދޫ އާއި ހެނބަދޫއާ ދެމެދު ކިލޯ މީޓަރެއްގެ ދުރުމިން ވެސް ނުހުރެއެވެ.
ރަމީޒް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން، އެމްއެންޑީއެފުން ދަނީ ކަނޑުމަގުން އަދި ވައިގެ މަގުންވެސް ރަމީޒް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި މީހާގެ އެއްވެސް މަޢުލޫމާތެއް އެނގޭ މީހެއްނަމަ، އެކަން ފުލުހަށް އެންގުމަށް ވަނީ އެދިފައެވެ.