ކުޅިވަރު

ޑެންމާކް އަތުން ޖަރުމަނަށް މޮޅެއް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގައި ގްރޫޕް އޮފް ޑެތުގެ ގޮތުގައި ބެލެވޭ ގްރޫޕް ބީގައި ޖަރުމަނުވިލާތާއި ޑެންމާކް ބައްދަލުކުރި މެޗް ޖަރުމަނުވިލާތް ކާމިޔާބުކޮށްފިއެވެ.

މިމެޗް ޖަރުމަނުން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 4 ލަނޑު ސުންލަނޑުންނެވެ. ޖަރުމަނުވިލާތުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ޖަރުމަނުންނެވެ.

މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާދިނީ ޖަރުމަނުވިލާތުގެ ލީނާ މަގުލްއެވެ. ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ނުޖެހުނު ނަމަވެސް ދެވަނަ ހާފްގައި ޖަރުމަނުންވަނީ އެޓީމްގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ.

މިގޮތުން މެޗްގެ 57 ވަނަ މިނެޓްގައި ލިއާ ޝުލަރ ޖަހާދިން ލަނޑާއެކު މެޗްގައި ޖަރުމަނުން ދެލަނޑުގެ ލީޑެއް ނެގިއެވެ. އަންހެނުންގެ ޔޫރޯގައި އެންމެ ކާމިޔާބު ޓީމް ކަމަށްވާ ޖަރުމަނުން މިމެޗްގައި ކާމިޔާބުކުރީ ތިންވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާދިނީ ލޭނާ ލެޓްވެއިންއެވެ.

ފަހު ލަނޑު ޖަހާދިނީ މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެލެކްޒެންޑްރާ ޕޮޕްއެވެ. އެންމެފަހުން 2017 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ޑެންމާކަށް މިމެޗް ވެގެންދިޔައީ މާރަނގަޅު މެޗަކަށް ނޫނެވެ. މިގޮތުން މި މެޗްގެ އިތުރު ވަގުތުގައި ޑެންމާކްގެ ބަދަލު ކުޅުންތެރިއެއް ކަމަށްވާ ކެތެރީން ކުލްވަނީ ދެވަނަ ރީނދޫ ކާޑާއެކު ދަނޑުން ފޮނުވާލާފައެވެ.

މިފަހަރުގެ ޔޫރޯގެ ފުރަތަމަ ވަރުގަދަ މެޗަށް ވެގެންދާނެކަމަށް ބެލެވިގެންދިޔަ މި މެޗްގައި ޖަރުމަނު ކައިރީ ޑެންމާކަށް މާރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.