މިދިޔަ ހޯމަދުވަހު ކާރެއް ކޮންޓްރޯލްނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުންދިޔަ 4 މީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ހޯމަދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހުންގެ 23 އަހަރުގެ އަންހެން ކުއްޖަކު ވަނީ އެކްސިޑެންޓް ހިނގިތާ މާގިނައިރުތަކެއް ނުވަނީސް ނިޔާވެފައެވެ. އަދި ޒަހަމްވި އިތުރު 4 މީހަކަށް ދިޔައީ އައިސީޔޫގައި ފަރުވާދެމުންނެވެ. އައިޖީއެމްއެޗުން ބުނީ އައިސީޔޫގައި ތިބި 4 މީހުންގެ ތެރެއިން އެކަކުގެ ހާލު ރަނގަޅުވަމުން އަންނާތީ އޭނާ ވޯޑަށް ބަދަލުކޮށްފައިވާކަމަށެވެ. ނަމަވެސް ދެން ތިބި 3 މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައިކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މާލޭގެ އެކުވެނި ޓްރެކް ސަރަހައްދާއި ކައިރިން ބޮޑުތަކުރުފާނު މަގުން މި އެކްސިޑެންޓް ހިނގާފައިވަނީ ހޯމަދުވަހުގެ އިރުއޮއްސެނިކޮށެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކައިރިން ދުއްވާފައި ދިޔަ ކާރު އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް، އެމަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިގެންކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުންދާކަމަށް ފުލުުހުން ވިދާޅުވެއެވެ.