ޚަބަރު

"ދަބަން" ގެ 4 ވަނަ ބައި ޑައިރެކްޓުކުރާނީ ޓިގްމާންޝޫ ދޫލިއާ


މިދިޔަ އަހަރު އިއުލާނުކޮށްފައިވާ ބޮލީވުޑް ސުޕާސްޓާ ސަލްމާންޚާން ފުލުހެއްގެ ރޯލު ކުޅޭ ފްރެންޗައިޒް ފިލްމު "ދަބަންގް" ގެ 4 ވަނަ ބަޔަށް ތައްޔާރުވާން ފަށައިފިއެވެ.

މި ފިލްމުގެ ޑައިރެކްޓްކުރާނީ ޓިގްމާންޝޫ ދޫލިއާ އެވެ. އެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކުރާ ޓިގްމާންޝޫ އަކީ "ސާހެބް ބީވީ އޯރް ގޭންގްސްޓާ" އާއި "ޕާން ސިންގް ތޯމަރު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2020 ވަނަ އަހަރު ގެނެސްދިން "ޔާރާ" އެވެ.

ދަބަންގްގެ 4 ވަނަ ބައިގެ ސްކްރިޕްޓުގެ މަސައްކަތްވެސް ކޮށްފައިވަނީ ޓިގްމާންޝޫއެވެ. މިއީ ސަލްމާނާއި ޓިގްމާންޝޫ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ސަލްމާނުގެ ކުރިއަށްހުރި މަސައްކަތްތައް ނިންމާލުމަށްފަހު މި ފިލްމުގެ ޝޫޓިން ފަށަންވެސް ވަނީ ހަމަޖެހިފައެވެ. މިއަހަރު ނިމެންވާއިރަށް މި ފިލްމުގެ ޝޫޓިން ފަށާނެކަމުގެ ޔަޤީންކަން މީގެކުރިން ސަލްމާން ވަނީ ދީފައެވެ.

ސަލްމާން މި ވަގުތު އަންނަނީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ނިންމާފައިވާ "ކަބީ އީދު ކަބީ ދިވާލީ" ގެ މަސައްކަތްކުރަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އެ ފިލްމެއްގެ ވާހަކަތައް ދެކެވޭތާ ވަރަށް ގިން ދުވަސްވެފައިވާ ފިލްމު "ޓައިގާ 3" އިންނެވެ.

2010 ވަނަ އަހަރު ގެނެސްދިން "ދަބަންގް" ގެ ފުރަތަމަ ބައިގެ ލީޑްރޯލުން ފެނުނީ ސަލްމާނާއި ސޮނާކްޝީ ސިންހާއެވެ. ސޮނާކްޝީ ބޮލީވުޑަށް ތަޢާރަފްވީ މި ފިލްމުންނެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަބިނާވް ކެޝަޕްއެވެ.

އޭގެ ފަހުން ސަލްމާންގެ ކޮއްކޮ އަރުބާޒްޚާން ޑައިރެކްޓްކޮށް "ދަބަންގް 2" ގެނެސްދިނީ 2012 ގަ އެވެ. އަދި ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ދަބަންގް 3" ގެނެސްދިނީ 2019 ގަ އެވެ. ނަމަވެސް މި ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ނުލިބުނެވެ.