ތަޢުލީމު

ވީ.އައި.އެޗް.އެސް. އިން ސްކޮލަރޝިޕްގެ 50 ފުރުޞަތު ހުޅުވާލައިފި


އޯލެވެލް އިމްތިޙާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް ޚާއްޞަ އެލަވަންސްތަކެއް ހިމެނޭ 50 ސްކޮލަރޝިޕްގެ ފުރުޞަތު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އިޢުލާންކޮށްފިއެވެ.ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގައި ހުރި ފުރުޞަތުތަކާއިބެހޭ މަޢުލޫމާތު ދިނުމަށް މިއަދާއި މިރޭ ކުރިއަށްގެންދާ އޯޕަންޑޭގައި އިޢުލާންކުރި ސްކޮލަރޝިޕް ފުރުޞަތުގެ ތެރޭގައި މި އަހަރު އެ ސްކޫލްގެ ގްރޭޑް 11 އަށް ވަންނަ ދަރިވަރުންނަށް 3 ކެޓަގަރީއަކުން ޚާއްޞަ ސްކޮލަރޝިޕްތަކެއް ހިމެނޭކަމަށް އެސްކޫލުން ބުނެއެވެ. އެގޮތުން އެސްކޫލްގެ ގްރޭޑް 11 އަށް އަލަށް ވަންނަ ދަރިވަރުންނަށް ބްރިލިއަންޓް ސްޓޫޑެންޓް ސްކޮލަރޝިޕްގެ ނަމުގައި، އޯލެވެލް ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން 1 ވަނައިގައި ހިމެނޭ ދަރިވަރުންނަށް މަހަކު 1,000 ރުފިޔާގެ އެލަވަންސެއް ލިބޭ 20 ފުރުޞަތާއި، 2 ވަނަ އާއި 3 ވަނައިގައި ހިމެނޭ ދަރިވަރުންނަށް މަހަކު 500 ރުފިޔާ ލިބޭ ސްކޮލަރޝިޕްގެ 20 ފުރުޞަތު ހިމެނެއެވެ.މީގެ އިތުރުން ސަބްޖެޓް އެކްސްޕާރޓް ސްކޮލަރޝިޕްގެ ނަމުގައި އޯލެވެލް އިމްތިޙާނުން ވަކި މާއްދާއިން ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް މަހަކު 500 ރުފިޔާ ލިބޭ ސްކޮލަރޝިޕްގެ 5 ފުރުޞަތު ހިމެނެއެވެ. އަދި ސްޕޯޓްސް އެންޑް ކޯ ކަރިކިއުލަރ ސްކޮލަރޝިޕްގެ ގޮތުގައި ޤައުމީ އަދި ސްކޫލް ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި 1 ވަނަ ހޯދި ދަރިވަރުންނަށް މަހަކު 500 ރުފިޔާ ލިބޭ ސްކޮލަރޝިޕްގެ 5 ފުރުޞަތުވެސް ހިމެނެއެވެ.ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ބުނީ އެސްކޫލަށް އޭލެވެލަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް ފޯމް ފުރުމުގެ ކަންތައްވެސް އޯޕަންޑޭގެ ޙަރަކާތްތަކުގެ އިންތިޒާމުކޮށްފައިވާކަމަށެވެ. މިއަދު ހަވީރާއި މިރޭ ވިލާ ކޮލެޖްގައި އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އޯޕަން ޑޭގައި އެތަނުން ކިޔަވައިދިނުމާއި އުނގެނުމުގެ ކަންކަން ކުރިއަށްގެންދާ ގޮތާއިބެހޭ މަޢުލޫމާތު ދެވޭނެކަމަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ބުނެއެވެ.