ޚަބަރު

އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި އޮތުމުގެ އަސްލަކީ ރިވެތި އަޚުލާޤު: ޙައްޖު ޚުތުބާ


މުސްލިމް އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފެތުރިގެން ދިޔައީީ އިސްލާމް ދީނުގެ ރިވެތި އަޚުލާގުގެ ސަބަބުންކަމަށާ އެކަން އެގޮތުގައި ބޭއްވުމަށް މުޅި އުއްމަތް މަސައްކަތް ކުރުމަށް ޙައްޖު ޚުތުބާގައި ގޮވާލައްވައިފިއެވެ. ޙައްޖު ޚުތުުބާގައި ވަނީ ދީނުގެ ރިވެތި އަޚުލާގުތަކާއި އެކަމުގެ މައްޗަށް އަލިއްއަޅުއްވާލައްވާފައެވެ. ޚުތުބާ ދެއްވީ މަސްޖިދް އަލް-ނަމީރާގައެވެ.

ޙައްޖު ޚުތުބާގައިވަނީ މުޖުތަމަޢުގައި ފިތުނަ ފަސާދަ ނުއުފެދޭގޮތަށް، މުޖުތަމަޢުގެ އަޚުވަންތަކަން އިސްކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ބޮޑުވަމުން އަންނަ ޖީލަށް، އިސްލާމްދީނުގެ ރިވެތި އަޚުލާޤު އުނގަންނައިދިނުމާއި، އަދި މައްސަލަތައް ކުރިމަތިވާ ވަގުތު އެކަންކަމަށް ޙައްލު ހޯދުމުގައި މަޑުމައިތިރި ކަމާއި ރިވެތި އަޚުލާގު އިސްކުރުމަށް ގޮވާލެއްވިއެވެ. އަދި ކޮންމެ ޙާލަތެއް މެދުވެރިވި ނަމަވެސް އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހުތިރާމު ކުރުމަށް ގޮވާލެއްވިއެވެ.

މީހުންގެ ގޯސް ވާހަކަ ދެއްކުމާއި ޣީބަ ބުނުންފަދަ ކަންކަމަކީ މުޖުތަމަޢު ފަސާދައަށް ހުށައެޅިގެންދާ ކަންކަން ކަމަށާއި، އެކަންކަމުން ދުުރުހެލިވުމަށް ހައްޖު ޚުޠުބާގައިވަނީ ނަސޭހަތްތެރިވެފައެވެ. އަދި ދީނުގައި ރަނގަޅަށް ހިފާ، މުޖުތަމަޢު ބައިބައިވެ ނުގަތުމަށް ވަނީ ގޮވާލައްވާފައެވެ.

މިއަހަރުގެ ޙައްޖު ޚުތުބާގައިވަނީ ރަސޫލާ ޞައްލަﷲ އަލައި ވަސައްލަމްގެ ޙައްޖަތުލް ވަދާއުގައި ދެއްވި ޚުތުބަތުލް ވަދާއުގައި އިސްލާމީ އުއްމަތަށް ދެއްވި ނަސޭހަތްތަކުގެ ހަނދާން އައުކޮށްދީފައެވެ. އަދި އެކަންކަމުގައި ހިފާ މާތްﷲއަށް ފުރިހަމައަށް ކުއްތަންވާ އަޅުންތަކެއްގެ ގޮތުގައި ޢަމަލުތައް ބެހެއްޓުމަށްވަނީ ގޮވާލައްވާފައެވެ.

ޚުތުބާ ނިންމަވާލެއްވީ މުޅި މުސްލިމް އުއްމަތަށް ބަަރަކާތް ލައްވާ، އަޅަމެންނަކީ އާޚިރަތަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި އަދި ޙައްޖުވެރިންގެ ޙައްޖުގެ އަޅުކަން ޤަބޫލުކުރެއްވުމަށް ދުޢާ ކުރައްވަމުންނެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބައިވެރިވެއެވެ.