ކުޅިވަރު

ނޯދަން އަޔަލަންޑް އަތުން ނޯވޭއަށް މޮޅެއް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް އޭގައި ނޯދަން އަޔަލަންޑާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ނޯވޭއިން ކާމިޔާބުކޮށްފިއެވެ.

މި މެޗް ނޯވޭ ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ނޯވޭގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނޯވޭއެވެ.

މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާ ނޯވޭއަށް ލީޑު ނަގާދިނީ ޖޫލީ ބްލެކްސްޓަޑްއެވެ. އަދި އޭގެ ތިން މިނެޓްފަހުން އެޓީމްގެ ލީޑު ފުޅާކޮށްދިނީ ފްރީޑާ މާނުމްއެވެ. އަދި މެޗްގެ 31 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޯވޭން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ.

މި ލަނޑު އެޓީމަށް ޖަހާދިނީ ކެރޮލީން ގްރަހަމް ހެންސެންއެވެ. ނޯދަން އަޔަލޭންޑަށް މި މެޗު ވެފައިވަނީ ތާރީހީ މެޗަކަށެވެ. މިއީ ޔޫރޯ މުބާރާތެއްގައި ނޯދަން އަޔަލޭންޑް ގެ އަންހެން ޓީމް ވާދަކުރާ ފުރަތަމަ ފަހަރު ކަމަށް ވުމުންނެވެ.

ޔޫރޯގައި ނޯދަން އަޔަލޭންޑަށް ފުރަތަމަ ލަނޑު ޖަހާދިން ކުޅުންތެރިޔާއަށް ވެގެންދިޔައީ ޖޫލީ ނެލްސަންއެވެ. މި ލަނޑު އޭނާ ޖަހާދިނީ 49 ވަނަ މިނެޓްގައެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން ގޫރޯ ރެއިޓެން ޖަހާދިން ލަނޑާއެކު އަނެއްކާވެސް މި މެޗްގައި ނޯވޭއިން ތިން ގޯލްގެ ލީޑު ނެގިއެވެ.

މިމުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. އެއީ 9 ޖަހާއިރު ސްޕެއިން އާއި ފިންލަންޑް ބައްދަލުކުރާ މެޗާއި އަދި މިރޭ 12 ޖަހާއިރު ޖަރުމަނުވިލާތާއި ޑެންމާކް ބައްދަލުކުރާމެޗެވެ.