ކުޅިވަރު

އަނިޔާގެ ސަބަބުން ނަޑާލް ވިމްބަލްޑަނުން ވަކިވެއްޖެ


ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ސްޕެއިންގެ ތަޖުރިބާކާރު ކުޅުންތެރިޔާ ރަފައެލް ނަޑާލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މުބާރާތުން ވަކިވެއްޖެއެވެ.

ނަޑާލްއަށް އަނިޔާވެފައިވަނީ މިމުބާރާތުގެ ކުއާޓަރ ފައިނަލުގައި ޓޭލަރ ފްރިޓްޒްއާއެކު ކުޅުނު މެޗްގައެވެ.

އަނިޔާއާއެކުވެސް ކުޅެ ނަޑާލް އެމެޗް ކާމިޔާބުކުރި ނަމަވެސް ފައިނަލާއެކު ކުރިއަށް އޮތް ދެމެޗްގައި އޭނާއަށް އެ އަނިޔާއާއެކު ކުޅެވޭނެކަމަށް ނުފެންނާތީ އޭނާ ވަނީ މުބާރާތުން ވަކިވާކަން ހާމަކޮށްފައެވެ.

މިއާއެކު މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްއަށް ވަނީ ލިބިގެން ގޮސްފައެވެ. ނަޑާލް ހާމަކުރިގޮތުގައި އޭނާގެ ކެރިއަރުގައި އެތަކެއް ފަހަރަކު އަނިޔާގައި ހުރެގެން ކުޅެފައިވާނެކަމަށެވެ. ނަމަވެސް މިފަހަރު ކުޅެފިނަމަ އޭނާއަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ.

އޭނާއަށް ލިބިފައިވާ އަނިޔާ އާއެކު ކުރިއަށް ދެ މެޗްގައި ވާދަވެރި ކުޅުމެއް ދެއްކޭނެކަމަށް ނުފެންނަކަމަށްވެސް ވަނީ ބުނެފައެވެ. އޭނާ މިގޮތަށް ނިންމާފައިވަނީ ކުއާޓާ ފައިނަލްގައި ލިބުނު އަނިޔާއަށްފަހު ރޭ ފަރިތަކުރުންތައް ބޭއްވުމަށްފަހުއެވެ.

އެއަށްފަހު އޭނާވަނީ ވަގުތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މި މުބާރާތުގައި އިތުރަށް އޭނާ ނުކުޅޭނެކަން ހާމަކޮށްފައެވެ. އަދި އަނިޔާގައި ހުރެގެން ކުޅުމުގެ ބޭނުމެއް ނުވިސްނުނު ކަމަށެވެ. އަދި މި ނިންމުން ނިންމީ ހިތާމައާއި އެކު ކަމަށްވެސް ނަޑާލް ހާމަކުރިއެވެ.

ކުއާޓާފައިނަލް މެޗްގައި ނަޑާލްވަނީ މެޑިކަލް ޓައިމް އައުޓެއްވެސް ނަގާފައެވެ. އެވަގުތު އޭނާގެ ބައްޕަ އާއި އަންހެން ކޮށްކޮ މެޗް ދޫކޮށްލުމަށް އެދުމުން އެކަމަށް އޭނާ އިޖާބަދީފައެއް ނުވެއެވެ.

ނަޑާލް ހާމަކުރިގޮތުގައި މި މުބާރާތް ކާމިޔާބު ކުރުމަށްވުރެ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަވަހަށް އައުން މާ ހިތްހަމަ ޖެހޭނެކަމަށެވެ. އަދި މި އަނިޔާއާއި އެކު ކުރިޔަށް އޮތް ދެ މެޗްގައި ކުޅެފިނަމަ ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެނަމަ މާ ދެރަވާނެ ކަމަށެވެ.