ވިޔަފާރި

އިތުރުކުރި ފްލައިޓްތަކާއެކު 42000 ފަސިންޖަރުން މޯލްޑިވިއަންގައި ދަތުރުކުރާނެ


އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަނުން އިތުރުކުރި ފްލައިޓްތަކާއިއެކު 42000 ފަސިންޖަރުން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދަތުރުކުރާނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އީދު ބަންދަށް އެތެރޭގެ ދަތުރުތަކަށް ބާރުބޮޑުވުމާއި ގުޅިގެން މޯލްޑިވިއަނުން ވަނީ އެ ކުންފުނީގެ ފްލައިޓްތަކުގެ އަދަދުވެސް އިތުރުކޮށްފައެވެ.

މޯލްޑިވިއަނުން ވަނީ 26 ޖޫންއިން ފެށިގެން 10 ޖުލައިގެ ނިޔަލަށް ފަސިންޖަރުންގެ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފްލައިޓްތައް އިތުރުކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިލެންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާޢިޝަތު ޖެނިފާ ވިދާޅުވީ، އީދު ބަންދަށް ރަށްރަށަށް ދާން ބޭނުންވާ ގިނަ ބަޔަކަށް ޓިކެޓް ނުލިބޭ ކަމުގެ ޝަކުވާ ލިބުމާއި ގުޅިގެން އެއެއަރލައިންގެ ދަތުރުތައް އިތުރުކޮށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދީފައިވާކަމަށެވެ.

"26 ޖޫންއާއި 10 ޖުލައި އާއިދޭތެރޭގައި ފްލައިޓް އިތުރުކުރީ. މިދޭތެރޭގައި އަޅުގަނޑުމެންނާއިއެކު ދަތުރުކުރާނެ ގާތްގަނޑަކަށް 42000 ފަސިންޖަރުން. މިހާރު ބުކިން ހެދި ޓިކެޓް ގަނެވިފައި އެބަތިބި މިހާ ފަސިންޖަރުންނަށް." ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ރާއްޖޭގެ 14 މަންޒިލަކަށް އަންނަނީ ދަތުރުކުރަމުންނެވެ. މީގެތެރެއިން ބައެއް މަންޒިލްތަކަކީ ދުވާލަކު 6 ފްލައިޓް އަދި 7 ފްލައިޓް އަޅާ މަންޒިލްތަކެވެ. އޭގެތެރޭގައި ކާޑެއްދޫ، ކައްދޫ، ކޫއްޑޫ، މާފަރު، އިފުރު އަދި ހަނިމާދޫ ފަދަ މަންޒިލްތައް ހިމެނެއެވެ.

ޖެނިފާ ވިދާޅުވީ، މޯލްޑިވިއަނުން އީދު ބަންދާއި ދިމާކޮށް ފްލައިޓް އިތުރުކޮށްފައިވަނީ ފްލައިޓް ދަތުރުތައް މަދުންކުރާ މަންޒިލްތަކަށް ކަމަށެވެ. އެގޮތުން ހޯރަފުށި ތިމަރަފުށި ކުޅުދުއްފުށި އަދި އައްޑޫއަށްވެސް އީދު ބަންދުގައި ފްލައިޓްތައް އިތުރުކޮށްފައިވާ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

"މިފަހަރު އަޅުގަނޑުމެން ފްލައިޓްތައް އިތުރުކުރިއިރުގައި ހޯރަފުއްޓަށް 7 ފްލައިޓް އިތުރަށް އެޅިން. ތިމަރަފުއްޓަށް 5 ފްލައިޓް އިތުރަށް އެޅިން. ކުޅުދުއްފުއްޓަށް އާންމު ގޮތެއްގައި އޮންނާނީ ދުވާލަކު 1 ފްލައިޓް އެކަމަކު އޭގެ އިތުރަށް އަޅުގަނޑުމެން 7 ފްލައިޓް އެޅިން. އައްޑޫއަށް ބޮޑު ބޯޓު އަޅުގަނޑުމެން ގިނަކުރިން. ފުނަދޫއަށް އާންމު ގޮތެއްގައި އޮންނާނީ ހަފްތާއަކު 2 ފްލައިޓް އެކަމަކު އަޅުގަނޑުމެން އިތުރު 5 ފްލައިޓް އަޅައިފިން. ފުވައްމުލަކަށްވެސް ދުވާލަކު 2 ފްލައިޓް އޮންނަ ތަނުން އަޅުގަނޑުމެން އޭގެ އިތުރުން އަޅައިފިން 3 ފްލައިޓް. މާވަރުލަށް ދުވާލަކު 2 ފްލައިޓް އޮންނާނެ. އެހެންނަމަވެސް އަޅުގަނޑުމެން އިތުރު 3 ފްލައިޓް ލައިފިން. އަދި ދަރަވަންދޫއަށްވެސް އިތުރު 2 ފްލައިޓް ލައިފިން." ޖެނިފާ ވިދާޅުވިއެވެ.

އީދު ބަންދަށް ފްލައިޓްތައް އިތުރުކުރުމުގައި އެކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތަށް ޖެނިފާވަނީ ޝުކުރު އަދާކޮށްފައެވެ.

އައިލެންޑް އޭވިއޭޝަންގެ ފްލީޓުގައި 22 މަތިންދާބޯޓު އޮވެއެވެ. މީގެތެރޭގައި ހިމެނެނީ 11 ސީ ޕްލޭން، އެއަރބަސް 321، އެއަރބަސް 320 އަދި ޑޭޝް 8 ގެ 9 ބޯޓެވެ.