ޚަބަރު

ރައީސް، ސަޢޫދީ ޢަރަބިއްޔާގެ ކޮމަރސް މިނިސްޓަރާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމަރސް މާޖިދު އަލް ގަސާބީއާ ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނު ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމަރސް އާއި ބައްދަލުކުރެއްވީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިނާއަށް ކުރެއްވި ޒިޔާރަތުގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން ޚާއްޞަކޮށް ވިޔަފާރީގެ ރޮނގުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުންގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.


މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންނެވީ މިމަހުގެ 4 ވަނަ ދުވަހުގެ ހެނދުނުއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ އިންތިޒާމްތައް ވަރަށް ގާތުން ބައްލަވާ އޮޅުން ފިލުއްވަމުންނެވެ. އަދި ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ އެންމެ ފަހު ގްރޫޕްގައި ހިމެނޭ މީހުންނާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވާ ރައީސް ވަނީ އަލްވަދާޢު ވިދާޅުވެފައެވެ.

ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖެއަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ޤައުމެކެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި އިސްލާމްދީން ކުރިއަރުވާ، ދީނީ ރޮނގުން މީހުން ބިނާކުރުމަށް ސައުދީ ސަރުކާރުން އަންނަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. ދިވެހިރާއްޖެއިން ސަޢުދީ އަރަބިއްޔާއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ.