ޚަބަރު

ޤައިދީންނަށް އަމާޒުކޮށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނެގޮތުގެ ތަމްރީނު ދީފި


"ސޭފް އެންޑް ސެކިޔޯ އެޕްރޯޗަސް ޓު އިފެކްޓިވް ރިހެބިލިޓޭޝަން އެންޑް ވޮކޭޝަނަލް ޓްރޭނިންގ" ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަރޓް މރ. އެލިއުޑް އޮޕިލޯއެވެ.

05 ދުވަހަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 14 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް ގެ ދަށުން ޤައިދީންނަށް އަމާޒުކޮށްގެން ރިހެބިލިޓޭޝަން އަދި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް ގެންދިއުމުގައި ބޭނުންކުރެވިދާނެ ރައްކާތެރި ގޮތްތައް ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ކިޔަވާދީފައެވެ.

މާފުށީ ޖަލުގައި ބޭއްވި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު އާއި އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓްއާއި ކޮމިޝަންޑް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ، ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ. އަދި މި ސެންޓަރުތައް ޤާއިމުކުރެވުމުން މިހާރަށްވުރެ ގިނަ ޤައިދީން ޕްރޮގްރާމްތަކުގައި ބައިވެރިކުރެވި ރިހެބިލިޓޭޝަންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކޮށް އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިހާރު ކުރިއަށްގެންދާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ޖުވެނައިލް އަދި ސެކްސް އޮފެންޑަރ ފަދަ އެކި ދާއިރާތަކުން ޕްރޮގްރާމްތައް މިހާރު ފަރުމާ ކުރެވެމުންދާކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. އަދި ކިޔަވާ އެއްޗެއްގެ ބޭނުން ޢަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ކޮމިޝަނަރ މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ އިލްތިމާސް ކުރެއްވާފައެވެ.

ޤައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢުއަށް އަނބުރާ ނެރުމަށް އެމްސީއެސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤާއިދީންނަށް ތަޢުލީމީ އަދި ފަންނީ ތަމްރީންތަކާއި ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ.