ޚަބަރު

ލައިސަންސް ނެތި ދުއްވި 1000 އަށްވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށުގައި


ލައިސަންސް ނެތި ދުއްވި 1030 އުޅަނދު މިދިޔަ 6 މަސްތެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މާލެ ސަރަހައްދުގެ ޓްރެފިކް ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ، ވޭތުވެދިޔަ ހަފްތާގައި ވިއްސާރަ މޫސުމާ ގުޅިގެން އެކްސިޑެންޓްތައް އިތުރުވި ކަމަށެވެ. އަދި މާލޭގައި ފުލުހުން ޓްރެފިކް ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ނުވަތަ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ އުޅަނދުތައް ކޮންޓްރޯލް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ސަމީރު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ 6 މަސް ދުވަހަށް ބަލާއިރު 40 އަށްވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަން ގެނެސްފައިވާކަމަށާއި، އެއިން ކޮންމެ އުޅަނދެއްވެސް 30 ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހިފެހެއްޓިފައި ވާނެކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ޖޫނިމަނާތަކެއް ދެއްކުމަށްފަހު އެ އުޅަދުތައް ދޫކޮށްފައިވާނެކަމަށް ސަމީރު ވިދާޅުވިއެވެ.

"ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތަކުގެ އިތުރުން ލައިސެންސް ނެތި ދުއްވާ ފަރާތްތައް ވެސް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވޭ. އެގޮތުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 1,030 އުޅަނދެއް ލައިސެންސް ނެތި ދުއްވުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ސަމީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލް މަތީން ޢަބްދުލް ކަރީމް ވިދާޅުވީ، ހުޅުމާލޭގެ މަގުތައް އެންމެ ހަލަބޮލި ވަގުތުތަކުގައި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނައިރު އޯވާޓޭކް ކުރުމާއި، ގޯޅިއެޅުމުގައި ޖާގަ ނުދީ ދިޔުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތައް ވަރަށް ގިނަކަމަށެވެ. އަދި ހުޅުމާލެ މަގުތަކަކީ ޚާއްސަގޮތެއްގައި ތާރު އެޅި މަގުތަކަކަށް ވުމާއެކު ހިނގާ ވަރަށް ކުޑަ އެކްސިޑެންޓްތަކަކީވެސް މީހާއަށް ވަރަށް އަނިޔާ ލިބޭ ކަމެއްކަމަށް އޭނާ ފާހަގަކުރިއެވެ.

"މިކަންކަން ހުއްޓުވުމަށްޓަކައި ސަމާލުކަންދޭންޖެހޭ ކަމެއްގެ ގޮތުގަ އަޅުގަނޑު ފާހަގަކޮށްލަންޖެހޭ ކަމަކީ މަގުގެ ލޭންތަކާއި އެއްގޮތަށް މަގުގެ ގޯޅިތަކަށް ޖަންކްޝަންތަކަށް ދޭންޖެހޭ ސަމާލުކަން ދީގެން އެވަގުތަކު ޖާގަ ދޭންޖެހޭ ފަރާތްތަކަށް ޖާގަދިނުމުގެ ސަގާފަތެއް އަށަގަންނުވަން އެބަޖެހޭ" ޢަބްދުލް މަތީން ވިދާޅުވިއެވެ.

މަގުމަތީގައި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑް ގަން ބޭނުން ކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށާއި ބާރަށް ދުއްވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މަތީން ވިދާޅުވިއެވެ. އަދި އެ ވަގުތު މަޑުނުކޮށްދާ ވެހިކަލްތައްވެސް ވީޑިއޯ ބަލައިގެން ފުލުހަށް ހާޒިރުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ތާރު އެޅި މަގުތަކުގައި ދުއްވާ އިރު ކަނޑައެޅިފައިވާ ސްޕީޑުގައި ދުއްވުމަށް ޙާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ޕާކިން މައްސަލަ ބޮޑުވެފައިވާއިރު، ކަނޑައެޅިފައި ހުންނަ ޕާކިން ޒޯން ތަކުގަވެސް ބައެއް ފަރާތްތަކުން ޤަވާއިދާ ޚިލާފަށް ޕާކުކުރާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ޕާކުކުރުމުގައި ޤަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް ފުލުހުން އިލްތިމާސްކުރެއްވިއެވެ.

ކުރިއަށް އޮތް ޢީދު ބަންދާއި ގުޅިގެން މާލެތެރޭގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް ފުލުހުން އަންނަނީ އުސޫލުތަކެއް ކަނޑައަޅަމުންނެވެ. އެގޮތުން ޢީދު ބަންދާއި ދިމާކޮށް ދިރިއުޅޭ ތަން ހުސްކޮށް އެހެންތާކަށް ދާނަމަ އެ ހިސާބުގައި މަސައްކަތްކުރާ ފުލުހަކަށް އެކަން އެންގުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޢީދު ބަންދާއި ދިމާކޮށް ފިހާރަތަކާއި އޮފީސްތަކުގައި ބޭންކަށް ޖަމާނުވެ ހުންނަ ފައިސާތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއީ ވައްކަންކުރުމާއި މިފަދަ ކަމެއް ހިނގާފާނެކަމަށްޓަކައި އެޅެން އޮތް ފިޔަވަޅުތަކެއްކަމުން އާންމުންގެ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށްދާ ފަރާތްތަކުން ހިނގާފައި އައުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އެއީ އެ ސަރަހައްދުތަކުގައި އަންނަ ހުރިހާ ވެހިކަލްތަކަށް ޕާކު ކުރެވެނެ އިންތިޒާމް ހަމަޖެއްސުމަކީ ދަތިކަމަކަށް ވާނެތީކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.