ޚަބަރު

ނައިޖީރިޔާގެ ޖަލަކުން 870 ގައިދީން ފިލައިފި


ނައިޖީރިޔާގެ ވެރިރަށް އަބޫޖާގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 879 ގައިދީން ފިލައިފިއެވެ. އޭގެތެރޭގައި ގިނައީ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ބޯކޯ ހަރާމަށް ނިސްބަތްވާ ގައިދީންނެވެ. އެ މީހުން ޖަލުން ފިލާފައި ވަނީ، އެ މީހުން ސަލާމަތް ކުރުމަށް ބޯކޯ ހަރާމުން ޖަލު ބަލަހައްޓާ އޮފިސަރުންނަށް ހަމަލާތަކެއް ދިން ދަނޑިވަޅުގައެވެ.

މި ހަމަލާތަކުގައި ޖަލު ބަލަހައްޓާ އޮފިސަރުންގެ ތެރެއިން އެކަކު މަރުވެ، އިތުރު ތިން އޮފިސަރުންނަށް އަނިޔާވިއެވެ. އަދި، ގައިދީންގެ ތެރެއިން ހަތަރު މީހަކު މަރުވެފައި ވާއިރު، އިތުރު 16 ގައިދީއަކަށް އަނިޔާވިއެވެ. ޖަލުން ފިލި ގައިދީންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ހޯދާފައެވެ. ނަމަވެސް، އަދިވެސް 443 އަށްވުރެ ގިނަ ގައިދީން ނުފެންނަ ކަމަށް ނައިޖީރިޔާގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ރައީސް މުޙައްމަދު ބުޚާރީ ވަނީ އެ ޖަލަށް ޒިޔާރަތް ކުރައްވައި، އެ ތަނުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ބައްލަވައިލައްވާފައެވެ. އަދި، މި ހާދިސާ ހިނގި ގޮތުގެ ތަހުޤީޤެއް ހިންގައި، އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުމަށް އޭނާ އަމުރު ކުރެއްވިއެވެ.
ފަހަކަށް އައިސް ނައިޖީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ވަނީ އެ މީހުންގެ ހަރަކާތްތައް އިތުރު ކޮށްފައެވެ. މިދިޔަ ހަފުތާގައި ބުޚާރީގެ ސަރުކާރުގެ އޮފިޝަލުންތަކެއް ދަތުރު ކުރަމުންދިޔަ ގާފިލާއަކަށް ވެސް ހަތިޔާރު އެޅި ބަޔަކު ހަމަލާދިނެވެ. އެ ވަގުތު ބުޚާރީ އެ ގާފިލާގައި ނެތެވެ.