ޚަބަރު

ރަޝިޔާއިން ޔޫކްރެއިނުގައި ހިންގާފައިވާ ލާއިންސާނީ ކުށްތަކުގެ އަދަދު 21,000ން މަތީގައި


ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ހިންގާފައިވާ ކަމަށް ބެލެވޭ އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ އަދަދު 21,000ން މައްޗަށް އަރާ ކަމަށާއި، އެ ކުށްތައް ތަހުޤީޤު ކުރަމުންދާ ކަމުގައި ޔޫކްރެއިނުން ބުނެފިއެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި، ހަނގުރާމަ ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މި ހަނގުރާމައިގައި އެ ޤައުމުގެ އިރުމަތީގެ ބޮޑު ސަރަޙައްދުތަކެއް ވަނީ ހިފައިފައެވެ.

ޔޫކްރެއިނުގެ ޕްރިސިކިއުޓަރ ޖެނެރަލް އައިރީނާ ވެނެޑިކްޓޯވާ ވިދާޅުވީ، ރަޝިޔާ ސިފައިން ހިންގާ އިންސާނިއްޔަތާ ޚިލާފު ކުށްތަކާ ގުޅިގެން 200އާއި 300އާ ދެމެދު އަދަދަކަށް ކޮންމެ ދުވަހަކު ވެސް އޭނާގެ އޮފީހަށް ރިޕޯޓު ލިބޭ ކަމުގައެވެ. އަދި، މީގެ ތެރެއިން ގިނަ ކުށްތަކުގެ ޝަރީއަތް، ކުށްކުރި މީހުންގެ ޣައިރު ހާޒިރުގައި ކުރިއަށް ދިޔަ ނަމަވެސް، މި މައްސަލަތައް ބަލައި، ޝަރިއަތަށް ހުށަހަޅާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ރަޝިޔާ ސިފައިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކުށްތަކުގެ ތެރޭގައި ކުށެއް ނެތް ޢާންމުން މެރުމާއި، އަނިޔާ ކުރުމުގެ އިތުރުން އަންހެނުންގެ އިއްފަތްތެރި ކަން ފޭރިގަތުން ފަދަ ލާއިންސާނީ އަމަލުތައް ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ފަދަ ކުށްތައް ތަހުޤީޤު ކުރުމަށް އޭނާގެ އޮފީހުގެ އޮފިޝަލުން އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާތީ އެ ޓީމުތަކުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ. އަދި، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި ހިންގާފައިވާ ކުށްތައް ތަހުޤީޤު ކުރުމުގެ ފުރުޞަތު ގެއްލިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހަނގުރާމަ ފެށުމާ އެކު ޔޫކްރެއިނުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރަޝިޔާ ސިފައިން ހިންގާ ލާއިންސާނީ ކުށްތަކުގެ ތަހުޤީޤު ފަށާފައެވެ. އަދި، މިފަދަ ކުށްތައް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ރަޝިޔާ ސިފައިންގެ 600 މީހުން ދެނެގަނެ، މޭ މަސް ނިމުމުގެ ކުރިން އެ މީހުންގެ ޝަރިއަތް ވަނީ ފަށާފައެވެ.

މި ޝަރިއަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޮށްފައި ވަނީ ރަޝިޔާ ސިފައިންގެ އިސް ސާޖަންޓެއް ކަމުގައިވާ ވަޑިމް ޝިޝިމަރިންގެ ޝަރީއަތެވެ. އެއްވެސް ހައްޤަކާ ނުލައި ޔޫކްރެއިންގެ ޢާންމު ރައްޔިތެއް މަރައިލަމުގެ ކުށް ސާބިތުވެ، ޔޫކްރެއިނުން ވަނީ އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ މިހާރު ވަނީ ހުކުމް ތަންފީޒު ކުރަން ފަށާފައެވެ.

ރަޝިޔާއިން ޔޫކްރެއިނުގައި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުންދާ ކަމުގެ ގިނަ ހެކިތައް ޔޫކްރެއިނުގެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހޯދާފައެވެ. މީގެ ތެރޭގައި، ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު މަރައިލާ ވަޅުލާފައިވާ ތަންތަން ހިމެނެއެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ޔޫކްރެއިން ސިފަ ކުރަނީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު "ކުށުގެ ވެށި"ގެ ގޮތުގައެވެ. އަދި، އެ ކޯޓުގެ ގިނަ އަދަދެއްގެ ޓީމުތަކަކުން ވެސް ދަނީ، ރަޝިޔާއިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަހުޤީޤު ކުރުމަށް ޔޫކްރެއިނުގައި ހަރަކާތްތެރިވަމުންނެވެ.