ދުނިޔޭގެ ވިޔަފާރި

ވޯލްޑް ބޭންކުން ގެމްބިއާއަށް އެހީ ފޯރުކޮށްދެނީ


ގެމްބިއާގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް 68 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ދޭން ވޯލްޑް ބޭންކުން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގައި ވޯލްޑް ބޭންކާއި ގެމްބިއާއިން ސޮއިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ގެމްބިއާގެ ވެރިރަށް ބަންޖޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ވޯލްޑުބޭންކުން ދިން މި އެހީގެ މަޤްޞަދަކީ ގެމްބިއާގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކޮށް އެޓްލާންޓިކްގެ އައްސޭރި ސަރަޙައްދު ހިމާޔަތްކުރުމަށް މަސައްކަތްތައް ކުރުމެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެފްރިކާގެ ގިނަ ޤައުމުތަކެކޭ އެއްގޮތަށް ގެމްބިއާގެ ފަތުރުވެރިކަމަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި ރަޝިއާ ޔޫކްރެއިން ހަނގުރާމައަކީ މި ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބެއްކަމަށް ވޯލްޑް ބޭންކުގެ މެނޭޖިންގް ޑިރެކްޓަރ އެކްސެލް ވެން ޓްރޯޓްސެންބާގް ވިދާޅުވިއެވެ.

ގޭމްބިއާގެ ޖީޑީޕީގެ %20 ފަތުރުވެރިކަމުގެ ސިނާއަތް ހިއްސާކުރާއިރު ފަތުރުވެރިކަމަކީ ބޭރު ފައިސާ ގަނެވިއްކުމުގައި ހިއްސާވާ އެންމެ ބޮޑު ސިނާއަތެވެ.

ވޯލްޑް ބޭންކުގެ ހިސާބުތަކުން ދައްކާގޮތުގައި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ގެމްބިއާގެ އިޤްޠިޞާދީ ދުވެލި ވަނީ %0.2 އަށް މަޑުޖެހިފައެވެ. އޭގެފަހުން ގެމްބިއާގެ އިޤްޠިޞާދީ ދުވެލި ބާރުވެ މިދިޔަ އަހަރު ވަނީ %5.6 އަށް އަރާފައެވެ.