މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ކުޅުނު ހަތަރުވަނަ މެޗުގައި ބޫޓާން އަތުން ހަނިގޮތަކަށް ރާއްޖެ ބަލިވެއްޖެއެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން ކުޅުނު ހަތަރުވަނަ މެޗުން ބަލިވީ ބޫޓާން އަތުން ދެ ލަނޑުންނެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ ހޮވުމަށެވެ. އެއާއެކު ބޫޓާނުން އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ވަނީ ހަތް ކުޅުންތެރިން ނުބައިވެގެން 110 ލަނޑު ހަދާފައެވެ.
ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ. މި އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 27 ލަނޑު ހެދި ހަސަން ހާޒިގް ރަޝީދާއި 20 ބޯޅައިން 26 ލަނޑު ހެދި އަޙްމަދު ހަސަނެވެ.
މި މެޗުން ހަނިގޮތަކަށް ރާއްޖެ ބަލިވިއިރު، މީގެ ކުރިން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ހަ ލަނޑުންނެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ހަތް ވިކެޓުން ތައިލެންޑް ބަލިކުރި ނަމަވެސް، މެލޭޝިއާ އަތުން ވަނީ އަށް ވިކެޓުން ބަލިވެފައެވެ. މި މުބާރާތް ކުރިއަށްދަނީ ކޮންމެ ގައުމެއް ކޮންމެ ގައުމަކާ ދެ ފަހަރު ބައްދަލުކޮށް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
މި މުބާރާތަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ކެޕްޓަނަކަށް ޔޫސުފް އަޒްޔާން ފަރުހަތު ހަމަޖައްސާފައެވެ. އަދި ވައިސް ކެޕްޓަނުގެ މަގާމަށް ހަމަޖައްސާފައިވަނީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ.
މެލޭޝިއާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ސްރީ ލަންކާގައި ތަމްރީނު ޓުއާއެއް ފުރިހަމަކޮށްފައެވެ. އެ ޓުއާގައި ޖުމްލަ ހަތް މެޗެއް ކުޅުނުއިރު، ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.