ޚަބަރު

ދިވެހި ޙައްޖުވެރިން މިނާގައި، އެންމެންގެ ހާލުވެސް ރަނގަޅު


މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް މައްކާއަށް ގޮސް ތިބި މުސްލިމުން، ހައްޖުގެ އަޅުކަން ފެށުމުގެ ގޮތުން އިހްރާމް ބަނދެ ތަލްބިޔާ ކިޔަމުން މިނާއަށް ޖަމާވާން ފަށައިފިއެވެ.

މިގޮތުން މިނާއަށް ޖަމާވަމުން އަންނަ މުސްލިމުގެ ތެރޭގައި ރާއްޖެއިން މިފަހަރު ޙަައްޖަށް ދިޔަ 453 ޙައްޖުވެރިންވެސް ހިމެނެއެވެ. މިގޮތުން މިއަދު ހެނދުނު ރާއްޖެ ގަޑިން 8:00 ޖެހިއިރު ދިވެހި ޙައްޖުވެރިން މިނާއަށް ދިޔުމަށްޓަކައި ވަނީ ދަތުރު ފަށާފައެވެ. އަދި މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިބީ މިނާގައި ދިވެހި ޙައްޖުވެރިންނަށް ޚައްސްކޮށްފައި ހުރި ފޭލިގެތަކުގައެވެ. ހައްޖު މިޝަނުން ވިދާޅުވާގޮތުގައި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.

ހައްޖުވެރިން މިނާއަށް ޖަމާވާން ފެށިއިރު، މިނާގެ ފޭލިގެތައް ހުރީ ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރަށެވެ. މިގޮތުން މިނާގެ ފޭލިގެ ސަރަހައްދުގައި ސަލާމަތީ ކަންތައް ބެލެހެއްޓުމަށް އިތުރު ސިފައިންނާއި ފުލުހުން ނެރެފައިވާ އިރު، މިނާގައި ހުންނަ ވަގުތީ 26 ސިއްހީ މަރުކަޒާއި ހަތަރު ހޮސްޕިޓަލްވެސް މިހާރު ވަނީ ފުރިހަމަ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

ހައްޖުވެރިންނަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް، 175 އެމްބިއުލާންސް ވަނީ ހަމަޖައްސާފައެވެ. އޭގެ އިތުރުން ކުއްލި ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެނަމަ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ސައޫދީ ރެޑް ކްރެސެންޓްގެ 320 އެމްބިއުލާންސާއި 6 އެއާ އެމްބިއުލާންސްއާއެކު 1288 ސިއްހީ ހިދުމަތްތެރިން ފުރިހަމަ ތައްޔާރީ ހާލަތުގައި ތިބޭނެއެވެ.

މިނާއަށް ހައްޖުވެރިން އުފުލުމަށް ޚާއްސަ ބަސްތަކެއް ހަމަޖައްސާފައިވެއެވެ. އަދި، ފައި މަގުގައި މިނާއަށްދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން، އެ މަގުތަކުން އެއްގަމު އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ.

ޙައްޖުވެރިން މިނާއިން، ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ. ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހު ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، 3 ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލް އިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.