ޚަބަރު

ހަފްތާ ބަންދުގައި މޫސުން ވަރަށް ގޯސްވެދާނެ


މުޅި ޢީދު ބަންދުގައިވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ޙައްޖު އަދި ޢީދު ދުވަހު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ވަރަށް ގޯސްވެދާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުން ގޯސްވެފައިވާއިރު ސްކޫލް ޗުއްޓީއާއި ޢީދު ބަންދާއި ދިމާކޮށް، އެތެރޭގެ ދަތުރުތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ކުރިއަށް އޮތް ދެ ދުވަހަގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. މެޓް އޮފީހުން ވިދާޅުވީ ހުކުރު އަދި ހޮނިހިރު ދުވަހު ވިއްސާރަ ވުމުގެ އިތުރުން ކަނޑުތައްވެސް ގަދަވާނެކަމަށެވެ. އެހެންނަމަވެސް އުދަ އެރުމުގެ ފުރުޞަތު ކުޑަކަމަށް މެޓުން ވިދާޅުވެއެވެ.

މިއަދުގެ މޫސުމަށް ބަލާއިރުވެސް، އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. އާއްމުކޮށް ވައިގެ ބާރުމިން ހިންނާނީ 8 މޭލާއި 18 މޭލާ ދެމެދުހައި ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުނާނީ 3 ފޫޓާއި، 6 ފޫޓާ ދެމެދުގެ އުސްމިނުގައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ދަނީ އެލަރޓްތައްވެސް ނެރެމުންނެވެ. އެލަރޓްގެ ވަގުތުތަކުގައި ކަނޑު ދަތުރުތައް ނުކުރުމަށް ފުލުހުންނާއި، ކަމާ ގުޅުންހުރި ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. މޫދުން ގޯސްވެ މިދިޔަ ހަފްތާ ބަންދުގައިވެސް ކަނޑުމަތީގެ ނުރައްކާތެރި ގިނަ ޙާދިސާތަކެއް ހިނގާފައިވެއެވެ.