ކުޅިވަރު

ކުލަބު މޯލްޑިވްސް ކަޕް ސެޕްޓެމްބަރު ތިނެއްގައި


ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސް ކަޕް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

ކޮންމެ އަހަރަކު ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ޒަމާންވީ އަދި އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތެވެ.

ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ކުލަބު މޯލްޑިވްސް ކަޕް ނުބޭއްވުނު ނަމަވެސް، އަހަރެއްގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު އަލުން ވަނީ މުބާރާތް ކާމިޔާބުކަމާއެކު ބާއްވާފައެވެ.

ކުލަބު މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުން ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު މި އަހަރުގެ ކުލަބު މޯލްޑިވްސް ކަޕާއި، އަންހެން ފުޓްބޯޅައަށް ޚާއްސަކޮށް ބާއްވަމުން އަންނަ 18/30 ފުޓްސަލް ފިއެސްޓާ ފަށަން ވަނީ ތާވަލުކޮށްފައެވެ.

މި އަހަރުގެ މުބާރާތުގެ ތައްޔާރީތައް ވަމުން އަންނައިރު، މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ބައިގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އިންނެވެ. އާރްއާރްސީން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އަންހެން ޑިވިޝަނުން ކާމިޔާބުކުރީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. އެ ޓީމުން ވަނީ ފައިނަލުގައި ކުލަބު ވެމްކޯ އަތުން 7-4 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މިދިޔަ އަހަރުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދިއިރު، އެ ޓީމަކީ ކުލަބު މޯލްޑިވްސްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައިވެސް ޖެހިޖެހިގެން ތިން މުބާރާތް ކާމިޔާބުކުރި ފުރަތަަމަ ޓީމެވެ.