އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ތާވަލުގެ ފަަސްވަނައަށް ކުލަބު ގްރީން ސްޓްރީޓްސް ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު ގްރީނުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ،
މި މެޗުގެ ފުރަތަމަ ހާފުގައި ގްރީނުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ގްރީނުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ.
އަދި އޭގެ ތިން މިނެޓު ފަހުން ގްރީނުން ވަނީ މެޗުގައި ލީޑު ފުޅާކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާއެވެ. މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ސަސްއަށް ވަނީ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ މުޙައްމަދު ސާމިރު ނެގި ހުރަހަކުން، ގޯލު ކުރިމަތީގައި ހުހަށްހުރެ އަޙްމަދު އައިހަމް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މި މެޗުގައި ގްރީނުން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޖައިލަމް (އޮގީ) އެވެ. މިއީ އޭރިއާ ތެރެއިން ޗޯޓުއަށް ސަަސްގެ ރިލްވާން ނައީމް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ގްރީނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ސަސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ގެ އަތުގައި ޖެހިފައި ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަވީލާއެވެ.
މި ނަތީޖާއާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާއި ފަސްވަނައިގައި އޮތް ގްރީން އަދި ހަވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވަނީ 20 ޕޮއިންޓް ލިބިފައެވެ. ގްރީނުން މިހާތަނަށް 16 މެޗު ކުޅެފައިވާއިރު، ޔޫވީ އާއި ޓީސީން މިހާތަނަށް ކުޅެފައިވަނީ 15 މެޗެވެ. މީގެ އިތުރުން ލީގުގެ ހަތްވަނައިގައި ސަސް އޮތީ 16 މެޗުން 14 ޕޮއިންޓާއެކުއެވެ.