ޚަބަރު

ކަނޑުހުޅުދޫގައި ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި ކާފައާއި މުނިކާފަ 25 އަހަރަށް ޖަލަށް


ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިމައްސަލައިގައި އަންހެން ކުއްޖާގެ ކާފަ، އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީއާއި މުނިކާފަ އުމުރުން 82 އަަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް އުފުލާފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ޖިންސީ ގޯނާގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވުމުން މިމައްސަލައިގެ ޝަރީއަތްވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

މިމައްސަލައިގައި ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ ދެ މީހުން 25 އަހަރަށް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 25 އަހަރުގެ ޖަލު ހުކުމަކީ ދެވޭ އެންމެ ބޮޑު އަދަބެވެ.

2 އަހަރުން ދަށުގެ ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކޮށް "ރޭޕް" ކުރިކަމުގެ ތުޙުމަތު ކުރެވޭ ކުއްޖާގެ މުނިކާފައަކީ މީގެކުރިންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ފުރައްސާރަކުރުމުގެ ރެކޯޑު އޮތް މީހެކެވެ. އަދި ކުއްޖާގެ މުނިކާފަ އެ ރަށުގެ އެހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާކަމަށް ބުނާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

އުމުރުން ދެއަހަރުވެސް ނުވާ ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލައާ ގުޅިގެން އިހުމާލުވިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަވެސް ހައްޔަރުކުރިއެވެ.