ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރުގައި ޖީއެސްޓީ %9 ބޮޑުކުރަނީ


މިސަރަޙައްދުގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެތެރޭގައި ހިމެނޭ، ސިންގަޕޫރުގައި މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ، 7 އިންސައްތައިން 9 އިންސައްތައަށް ބޮޑުކުރުމަށް ނިންމައިފިއެވެ.

ސިންގަޕޫރުގައި ޖީއެސްޓީ ބޮޑުކުރަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ބޮޑު ކުރާނީ 7 އިންސައްތައިން 8 އިންސައްތައަށެވެ. އަދި 2024 ވަނަ އަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހު ޖީއެސްޓީގެ ނަގާ އަދަދު 8 އިންސައްތައިން 9 އިންސައްތައަށް ބޮޑު ކުރާނެއެވެ.

މިިދިޔަ ހޯމަދުވަހު ބޭއްވި ސިންގަޕޫރުގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއަށް އެޤައުމުގެ ފިނޭންސް މިނިސްޓަރ ލޯރެންސް ވޮންގްވަނީ ހާޒިރުކޮށްފައެވެ. މިޖަލްސާގައި މަޖިލިސް މެމްބަރުންވަނީ ޖީއެސްޓީއަށް ގެންނަ ބަދަލާއި ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން ޖީއެސްޓީއަށް ގެންނަ ބަދަލަށް އަމަލު ކުރުން ލަސްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތޯވެސް މެމްބަރުންވަނީ ސުވާލުކޮށްފައެވެ.

މިސުވާލުތަކަށް ޖަވާބުދެއްވަމުން ވޮންގް ވިދާޅުވެފައިވަނީ ޖީއެސްޓީއަށް ގެންނަ ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ޖީއެސްޓީއަށް ގެންނަ ބަދަލާއެކު އިޤްތިސާދަށް ކޮށްފާނެ އަސަރުތަކަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށްވެސް ވޮންގް ވިދާޅުވިއެވެ. ޖީއެސްޓީއަށް ގެންނަ ބަދަލުގެ އަސަރު ކުޑަކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ސިންގަޕޫރުންވަނީ ނިންމާފައެވެ. އެގޮތުން އާމްދަނީ މަދުން ލިބޭ ޢާއިލާތަކަށާއި، ރިޓަޔަރ ކޮށްފައިވާ ފަރާތްތަކަށް، ދައުލަތުގެ "އެޝުއަރެންސް ޕެކޭޖު" ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ. އަދި ޖީއެސްޓީ އިތުރުކުރުމާއެކު އެހެން ބައެއް ޓެކްސްތައް ނަގާ ރޭޓަށްވެސް ބަދަލުތަކެއް ގެނައުމަށްވަނީ ރާވާފައެވެ. އެގޮތުން ޕަރސަނަލް އިންކަމް ޓެކްސް އާއި، ޕްރޮޕަޓީ ޓެކްސް އާއި ވެހިކަލް ޓެކްސް ބޮޑު ކުރުމަށް އެޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.

ސިިންގަޕޫރުގައި ޖީއެސްޓީ އިތުރުކުރުމަށް ނިންމާފައިވަނީ ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް މީހުން ބިނާކުރުމަށާއި، ސިއްހީ ދާއިރާ ތަރައްޤީކުރުމާއި، މުޖުތަމަޢު އާރާސްތުކުރުމަށް ސަރުކާރަށް އާމްދަނީ އިތުރުކުރުމަށެވެ.

ސިންގަޕޫރުގެ މިއަހަރުގެ ބަޖެޓު، ފާސްކޮށްފައިވަނީ ޖީއެސްޓީގެ މިންވަރަށް ގެނައި ބަދަލާއެކުއެވެ.

މިދަނޑިވަޅަކީ ޖީއެސްޓީ ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ދަނޑިވަޅުކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް، ފިނޭންސް މިނިސްޓަރ ވޮންގް ވިދާޅުވީ، ޖީއެސްޓީ ބޮޑުކުރަން ނިންމި އިރު ގިނަ ކަންތައްތަކަކަށް ބަލާފައިވާ ކަމަށާއި، އަގުތައް އުފުލިގެން ދިޔުން ފަދަ ކަންތައްތަކަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ.

ސިންގަޕޫރުގެ ޖީއެސްޓީއަށް ގެންނަ ބަދަލަކީ އެ ޤައުމުގެ ކުރީގެ މާލީ ވަޒީރު ހެންގް ސްވީ ކީޓްގެ ދައުރުގައި، 2018 ވަނަ އަހަރުގެ ބަޖެޓް އިފްތިތާޙުކުރުމަށް ދެއްވި ޚިޠާބުގައި ފާހަގަކުރައްވާފައިވާ ނިންމުމެކެވެ. އެހެން ނަމަވެސް ކޯވިޑާއި ގުޅިގެން ވަނީ ޖީއެސްޓީ ބޮޑުކުރުން ފަސްކޮށްފައެވެ.