ވިޔަފާރި

ޓެކްސް ކްލިއަރެންސް ރިޕޯޓް ފޯޖްކޮށްގެން ހުށައަޅަނީ: ރިޕޯޓްގެ ޞައްހަކަން ކަށަވަރުކުރޭ


ޓެކްސް ކްލިއަރެންސް ރިޕޯޓް ފޯޖްކޮށްގެން އެކި ފަރާތްތަކުން ހުށައަޅަމުންދާތީ ރިޕޯޓްގެ ޞައްހަކަން ކަށަވަރުކުރުމަށް މޯލްޑިވްސް އިންލަންޑް އޮތޯރިޓީ، މީރާއިން އިލްތިމާސްކޮށްފިއެވެ.

ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި، ޓެކުސްއާގުޅޭ އެންމެހައި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދި ނުމުގެ ގޮތުން މީރާއިން ދޫކުރާ ރިޕޯޓެކެވެ.

މީރާއިން ނެރުނު ސަރކިއުލަރއެއްގައިވަނީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި، ޓެކުހާގުޅޭ އެންމެހައި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މީރާއިން ދޫކުރާ "ޓެކްސް ކްލިއަރެންސް ރިޕޯޓް"، އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އޮފީސްތަކަށާއި މުއައްސަސާތަކަށާއި މާލީ އިދާރާތަކަށް ފަހަކަށް އައިސް ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީރާއިން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓަކީ އޭގެ ޞައްޙަކަން އެއޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ކަށަވަރު ކުރެވޭނޭ ގޮތައް ތައްޔާރުކޮށް ދޫކުރާ ރިޕޯޓެއް ކަމަށް މީރާއިން ހާމަކުރެއެވެ. އެހެންކަމުން، ޓެކްސް ކްލިއަރެންސް ރިޕޯޓް ބޭނުންކުރާ އެންމެހައި ފަރާތްތަކުން އެރިޕޯޓްތަކުގެ ޞައްޙަކަން މީރާގެ ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށްވަނީ މީރާއިން އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ރިޕޯޓުތަކާއި ލިޔުންތައް ފޯޖުކޮށް އިދާރާތަކަށް ހުށަހަޅަމުންގެންދާ ފަރާތްތަކުގެ މަޢުލޫމާތު ލިބިއްޖެނަމަ އެމަޢުލޫމާތު މީރާއާ ހިއްސާކޮށްދިނުމަށްވަނީ އެދިފައެވެ.

ދައުލަތުގެ އޮފީސްތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސްއެއް ދިނުމާއި، އައިކުރުމާއި، ބަދަލުގެނައުމާއި، ވިޔަފާރީއެއް ހިންގާ ފަރާތް ބަދަލުކުރުމާއި، މިނޫންވެސް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެފަރާތްތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާއެއް ނެއްކަން މީރާއިން ލިޔުމުން ކަށަވަރުކުރުމައް ބަޔާންކޮށްފައިވާތީ ސަރުކާރުގެ ގިނަ އިދާރާތަކަށް ޓެކްސް ކްލިއަރެންސް ރިޕޯޓު ހުށައަޅަން ޖެހެއެވެ.