ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ނޯވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީން ޖޮކޮވިޗް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި އިޓަލީގެ ޔަނިކް ސިނާއާ ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
މި މެޗު އެންމެފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެއްވަނައަށް ސީޑް ކޮށްފައިވާ ޖޮކޮވިޗް ކާމިޔާބުކުރީ ސިނާ ފުރަތަމަ ދެ ސެޓު ފަހެއް ހަތެއް އަދި ދޭއް ހަޔަކުން ކާމިޔާބުކޮށްފައިވަނިކޮށް، ފަހަތުން އަރައި ފަހު ތިން ސެޓު ހައެއް ތިނެއް، ހައެއް ދޭއް އަދި ހައެއް ދޭކުން ކާމިޔާބުކޮށްގެންނެވެ. އެއާއެކު މި މުބާރާތުގެ ސެމީ ފައިނަލްގައި ޖޮކޮވިޗް ވާދަކުރާނީ އިނގިރޭސިވިލާތުގެ ކެމެރަން ނޯރީއާއެވެ.
ސެމީގެ މެޗަށްފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ ފުރަތަމަ ދެ ސެޓުގައި ސިނާ މާމޮޅަށް ކުޅުނު ކަމަށެވެ. ނަމަވެސް ދެވަނަ ސެޓަށްފަހު އޭނާ ކުޑަ ވަގުތު ކޮޅެއް ނަގައި ކުޅުން ރަނގަޅު ކުރީ ކަމަށްވެސް ވަނީ ބުނެފައެވެ.
މިމެޗުން ބަލިިވި ނަމަވެސް ސިނާގެ ފަރާތުންވަނީ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއެއްގެ ކިބައިން ފެނިގެންދާ މޮޅު ކުޅުން ފެނިގެން ގޮސްފައެވެ. އެހެން ކަމުން އޭނާގެ މުސްތަގްބަލު ވަރަށް އަލިކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އަދި ފަހަކަށް އައިސް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ކާލޯސް އަލްކަރާޒް، ގަދަ 16 ބުރުގައި ބަލިކުރުމާއެކު ސިނާގެ ފެންވަރު ވަރަށް ރަނގަޅަށް ވަނީ ހާމަވެގެން ގޮސްފައެވެ.
ސެމީ ފައިނަލުގައި ޖޮކޮވިޗް ވާދަކުރާ ނޯރީ ސެމީން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ބެލްޖިއަމުގެ ޑޭވިޑް ގޮފިންއާ ބައްދަލުކުރި މެޗް ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ތިނެއް ހައެއް، ހަތެއް ފަހެއް، ދޭއް ހައެއް، ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ.