ކުޅިވަރު

ސަސްޕެންޝަނުގެ ސަބަބުން ރިޗާލިސަންއަށް ފުރަތަމަ މެޗުގައި ނުކުޅެވޭނެ


އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާއަށް އަލަށް ސޮއިކުރި ބްރެޒިލުގެ ފޯވާޑް ރިޗާލިސަން، ކުރިއަށް އޮތް ސީޒަންގެ ފުރަތަމަ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ސީޒަނުގެ މެޗެއްގެ ތެރޭގައި ދަނޑު މައްޗަށް އެއްލާފައި އޮތް ފްލެއާއެއް ނަގައި، ކުޅިބެލުންތެރިންނަށް އެއްލި މައްސަލައާ ގުޅިގެންނެވެ. އެހެންކަމުން ޕްރިމިއާ ލީގުގައި ޓޮޓްނަމުން ކުޅޭ ފުރަތަމަ މެޗުގައި ރިޗާލިސަންއަށް ނުކުޅެވޭނެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެވަޓަން އާއި ޗެލްސީ ބައްދަލުކޮށް، 1-0 ގެ ނަތީޖާއަކުން އެވަޓަން މޮޅުވި މެޗުގައި އޭނާ ލަނޑު ޖަހައިދިނުމަށްފަހުއެވެ.

އެކަމާއި ގުޅިގެން ރިޗާލިސަން ވަނީ 25 ހާސް ޕައުންޑުން ޖޫރިމަނާވެސް ކޮށްފައެވެ. ރިޗާލިސަންވެސް ފަހުން ވަނީ އޭނާއަށް އެވަގުތު އަމަލު ކުރެވިފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ހާމަކޮށްފައެވެ. މިއީ ޕްރިމިއާ ލީގުގެ ގަވައިދާ ޚިލާފު އަމަލެއް ކަމުން، އެކަންބެލި މިނިވަން ކޮމިޝަނުން މި އަދަބު އޭނާއަށް ވަނީ ދީފައެވެ.

އެވަޓަން ދޫކޮށް ރިޗާލިސަން ޓޮޓްނަމަށް ސޮއިކޮށްފައި ވަނީ މި މަސް ފެށުނުތަނާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.