ނެދަލަންޑްސްގެ ފެޔެނޯޑް ރޮޓަޑަމަށް ކުޅެމުން އައި ޓައިރެލް މަލާސިއާ، އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަލާސިއާ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 22 އަހަރުގެ ނެދަލަންޑްސްގެ ކުޅުންތެރިޔާގެ ސޮއި ޔުނައިޓެޑުން ހޯދާފައިވަނީ 15 މިލިއަން ޔޫރޯގެ އަގަކަށެވެ. އަދި މި އަދަދު އިތުރު އެހެން ބައިތަކަކާއެކު، 17 މިލިޔަން ޔޫރޯއަށް އިތުރުވުން ވަރަށް ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަލާސިއާ އަކީ ޔުނައިޓެޑުގެ އައު ކޯޗު އެރިކް ޓެން ހާގް އެ ކުލަބަށް ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާއެވެ. މަލާސިއާ ވަނީ ފެޔެނޯޑަށް 136 މެޗު ކުޅެދީފައެވެ.
ޔުނައިޓެޑަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން މަލާސިއާ ބުނީ ޔުނައިޓެޑާ ގުޅުމުގެ ފުރުސަތު ލިބުމުން އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި އައު ޗެޕްޓަރެއް ކަމަށާއި، މުޅިން އައު ޓީމު މޭޓުންތަކެއްގެ އިތުރުން ފާހަގަ ކޮށްލެވޭ މޮޅު ކޯޗެއް ޓީމު ގޮވައިގެން ކުރިއަށް ދާން އެބަހުރި ކަމަށްވެސް ވަނީ ބުނެފައެވެ.
ނެދަލަންޑްސް ލީގުގައި ޓެން ހާގުގެ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިފައިވުމުން އޭނާގެ ޓީމުތަކުގައި ހުންނަ ކުޅުމުގެ ފެންވަރު އެނގިފައިވާ ކަމަށާއި، އަދި ކުޅުންތެރިންގެ ކިބައިން އޭނާ ބޭނުންވާ ކަންތައްތައްވެސް ފެނިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އޭނާއަކީ އަދިވެސް ޒުވާން ގިނަ ކަންތައްތަކެއް ދަސްކުރަމުން އަންނަ ކުޅުންތެރިއެއް ކަމުން، ޓެން ހާގުގެ ފަރާތުންވެސް ގިނަ ކަންތައްތައްކަމެއް ދަސްވެ އޭނާގެ ކުޅުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވޭނެކަމަށް އުއްމީދު ކުރާކަމަށްވެސް މަލާސިއާ ވަނީ ބުނެފައެވެ.