ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީގެ އައު ކޯޗަކަށް ފްރާންސްގެ ކްރިސްޓޮފާ ގަލްޓިއާ ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގަލްޓިއާ ވަނީ ޕީއެސްޖީއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ގަލްޓިއާ މިދިޔަ މަހާ ހަމައަށް ހުރީ ފްރެންޗް ލީގުގެ ކުލަބެއް ކަމަށްވާ ނީސްގެ ކޯޗުގެ މަގާމުގައެވެ. އަދި މިދިޔަ ސީޒަނުގައި އޭނާ ވަނީ ނީސް ލީގުގެ ފަސްވަނައިގައި އޮވެގެން ލީގު ނިންމާލުމަށް މަގުފަހިކޮށްދީފައެވެ. މީގެ އިތުރުން ފްރެންޗް ކަޕުގެ ފައިނަލަށްވެސް އޭނާ ވަނީ ނީސް ގެންގޮސްދީފައެވެ.
ޕީއެސްޖީގެ ކޯޗުކަމުގެ މަގާމަށް ބަދަލު އަންނަން އުޅޭކަމުގެ ވާހަކަތައް ދެކެވޭތާ މިހާރު މަހެއްހާ ދުވަސްވަނީ ވެފައެވެ. އަދި ގަލްޓިއާ ނީސްގެ ކޯޗުކަމުން ވަކިވުމާއެކު، އެކަމަށް އޮތް ސަމާލުކަން އިތުރުވެގެންވެސް ދިޔައެވެ.
ނަމަވެސް ގަލްޓިއާ ރޭގެ ވަގުތެއްގައި ޕީއެސްޖީގެ ކޯޗުކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުޑަ ވަގުތު ކޮޅަކަށް ވަންދެން، ޕީއެސްޖީގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހުރީ މަގާމުގައެވެ. އަދި އޭނާ ވަކިކުރިކަން ހާމަކޮށްފައިވަނީ ގަލްޓިއާ ކޯޗުކަމާއި ހަވާލުވިކަން ހާމަކުރުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމުން ވަކިކޮށްފައިވަނީ އެ މަގާމުގައި 18 މަސް ހޭދަކުރުމަށްފަހުއެވެ. މި މުއްދަތުގެ ތެރޭގައި ޕީއެސްޖީން ވަނީ ފްރެންޗް ލީގުގެ ތަށި ރިކޯޑު 10 ވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. މިއީ މޮޗެޓީނޯގެ ކޯޗިން ކެރިއަރުގައި އޭނާއަށް ހާސިުކުރެވުނު ހަމައެކަނި ތައްޓެވެ.
ޕީއެސްޖީއާ އަލަށް ހަވާލުވި ގަލްޓިއާ ވަނީ 2020-2021 ވަނަ އަހަރުގެ ސީޒަނުގެ ތަށި ލިލްއަށް ކާމިޔާބުކޮށްދީފައެވެ. އަދި އެއަށްފަހު އޭނާ އެ މަގާމުން ވަކިވެ މިދިޔަ ސީޒަން ހޭދަކޮށްފައިވަނީ ނީސްގައެވެ.
ޕީއެސްޖީއާ ހަވާލުވުމަށްފަހު ގަލްޓިއާ ހާބުނީ އެ ކުލަބާ ގުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މިފުރުސަތުގައި އެ ކުލަބުގެ ޗެއާމަން ނާސިރު އަލް-ޚެއްލާފީ އާއި ކުލަބުގެ ފުޓްބޯޅަ އެޑްވައިޒަރު ލުއިސް ކެމްޕޯސްއަށް ޝުކުރު އަދާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. ގަލްޓިއާ އަކީ ގަތަރަށް ނިސްބަތްވާ ވެރިން ޕީއެސްޖީއާ ހަވާލުވި ފަހުން، އެ ކުލަބަށް އައްޔަންކުރި ހަތްވަނަ ކޯޗެވެ.