ޚަބަރު

މަސްދުވަސްތެރޭ އިތުރު 2000އަށްވުރެ ގިނަ އެނދު ފަތުރުވެރިކަމަށް


މަސްދުވަސްތެރޭ އިތުރު 2000 ވުރެ ގިނަ އެނދު ފަތުރުވެރިކަމުގެ ވިޔަފާރިއަށް ނެރެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް 1156 ޓޫރިސްޓް ފެސިލިޓީއަކުން 57487 އެނދުވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މިއަދަދު މީގެ މަސްދުވަސްކުރިން ހުރީ 54852 ގައެވެ. އެހެންކަމުން އެއް މަސްދުވަސްތެރޭ 2635 އެނދުވަނީ ފަތުރުވެރިކަމަށް އަލަށް ނެރެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 57487 އެނދު އޮޕަރޭޝަނަށް ނެރުނުއިރު މީގެތެރޭގައި ހިމެނެނީ 164 ރިސޯޓަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 39481 އެނދާއި، 828 ގެސްޓުހައުސްތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 13478 އެނދާއި، 12 ހޮޓަލުން އޮޕަރޭޝަނަށް ގެނެސްފައިވާ 1564 އެނދުގެ އިތުރުން 150 ސަފާރީއަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2954 އެނދާއި، 2 ހޯމް ސްޓޭ ފެސިލިޓީން އޮޕަރޭޝަނަށް ގެނެސްފައިވާ 10 އެނދެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވީ މަސް ދުވަސްތެރޭ ފަތުރުވެރިކަމަށް އެންމެ ގިނަ އަދަދަކަށް އެނދު ނެރެފައިވަނީ ގެސްޓު ހައުސްތަކުންނެވެ. އެގޮތުން ގެސްޓް ހައުސްތަކުން ފަތުރުވެރިކަމަށް މިހާތަނަށް 13478 އެނދު ނެރެފައިވާއިރު، މިއީ މީގެ މަސްދުވަސް ކުރިއާ އަޅާ ބަލާއިރު، 2200 އެނދުގެ އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 1167 ޓޫރިސްޓު ފެސިލިޓީއަކުން 58674 އެނދު ރަޖިސްޓްރީކޮށްފައިވެއެވެ.

ރާއްޖޭގައި އޮޕަރޭޝަނަށް ގެންނަ އެނދުގެ އަދަދު އިތުރުވަމުން އަންނައިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށްވެސް އަންނަނީ ކުރިއެރުންތައް ލިބެމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 4ވަނަ ދުވަހުގެ ނިލަޔަށް ރާއްޖެއަށް 830479 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު، 59 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4317 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.