ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ވާދަވެރި ޕޮލިސް ކުލަބު ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ސިފައިން ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަަތަމަ ސެޓު ފަށައިގެން ޕޮލިހުން ލީޑު ނަގައިގެން ކުޅުނު ނަމަވެސް، ސިފައިން ވަނީ ކުޅުން ރަނގަޅުކޮށް 25-20 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.
މެޗުގެ ދެވަނަ ސެޓު ފަށައިގެންވެސް ޕޮލިހުން ލީޑެއް ނެގި ނަަމަވެސް، ސެޓުގެ މެދުތެރެއިން ސިފައިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެކަމަކު މި ސެޓުގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަނޫ ޖޭމްސް ނިންމާލަދިން ބޯޅައަކުން މި ސެޓު ޕޮލިހުން ގެންދިޔައީ 30-28 އިންނެވެ.
އެކަމަކު އޭގެ ފަހުން ކުޅުނު އަނެއް ދެ ސެޓުގައި ޕޮލިސް ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އެއާއެކު ސިފައިން ވަނީ ފަސޭހަކަމާއެކު 25-18 އަދި 25-17 އިން މި ދެ ސެޓު ކާމިޔާބުކޮށް، ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މި މޮޅާއެކު މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އެ ޓީމަކީ އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ޗެމްޕިއަނުންނެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފައިނަލުގައި ސިފައިން ނުކުންނާނީ ދެވަނަ ސެމީގައި އެ ޓީމު ބަލިކޮށް ފައިނަލަށް ދަތުރުކުރި ސްޕޯޓްސް ކުލަބު ސިޓީއާ ދެކޮޅަށެވެ. އެ މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ.