ޚަބަރު

މާލީގައި ދިން ހަމަލާއެއްގައި އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުގެ ބަޔަކު މަރުވެއްޖެ


މާލީގެ އިރުމަތީގެ ރަށެއްގައި ބޮމެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި، އެ ޤައުމުގައި ހަރަކާތްތެރިވާ އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުގެ ދެ މީހުން މަރުވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައި ވަނީ، މާލީގެ ތެސަލިޓް ކިޔާ ރަށަކުން ފުރައިގެން ގާއޯއަށް ދަތުރު ކުރަމުންދިޔަ އުޅަނދަކަށް ކަމުގައި އެ ޤައުމުގައި ހަރަކާތްތެރިވާ އދގެ މިޝަނުން ބުނެއެވެ.

މި ހަމަލާގައި އެ އުޅަނދުގައި ދަތުރު ކުރަމުންދިޔަ އ.ދ.ގެ އިތުރު ފަސް މީހަކު ޒަޚަމްވިއެވެ. މާލީގައި ހަރަކާތްތެރިވާ އދގެ ޞުލްޙަ ބަލަހައްޓާ ފައުޖަކީ 12,000 އަށްވުރެ ގިނަ ސިފައިންގެ މައްޗަށް އެކުވެލިގެންވާ ފައުޖެކެވެ. އެފްރިކާ ބައްރުގެ ހުޅަނގުގައި އޮންނަ މާލީއަކީ ގިނަ އަދަދެއްގެ ހަތިޔާރު އެޅި ޖަމާޢަތް ހަރަކާތްތެރިވާ ޤައުމެކެވެ. މީގެ ތެރެއިން ބައެއް ޖަމާޢަތްތަކަކީ އަލްޤައިދާއާއި އައިސިސްއާ ގުޅުން އޮންނަ ބަޔެކެވެ.

2013 ވަނަ އަހަރުން ފެށިގެން މާލީގައި ދީފައިވާ ތަފާތު އެކި ހަމަލާތަކުގައި އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުގެ 174 ސިފައިން ވަނީ މަރުވެފައެވެ. އަދި، އިތުރު 420 ސިފައިން ޒަޚަމްވެފައެވެ. މާލީގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު، އެތައް މިލިޔަން ބަޔަކު ވަނީ ގެދޮރު ގެއްލި ރެފިޔުޖީންނަށް ވެފައެވެ.