ޚަބަރު

ޙައްޖުދުވަހު މިފަހަރު ގެފުޅުގެ އުރަކޮޅު ބަދަލެއް ނުކުރާނެ


ކޮންމެ އަހަރެއްގެ ޙައްޖުމަހު ބަދަލުކުރަމުން އަންނަ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު މިއަހަރުގެ ޙައްޖު ދުވަހުގައި ބަދަލު ނުކުރާގޮތަށް ސަޢުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރަނީ ކޮންމެ އަހަރެއްގެވެސް ހައްޖުމަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް ސައުދީ ސަރުކާރުން މިފަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށް ނިންމާފައިވަނީ ހައްޖުމަހާއި ޖެހިގެން އަންނަ މުހައްރަމްމަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް މިއަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރާ ދުވަސް ފަސްކުރި ސަބަބެއް ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އެ އަހަރަކު ޙައްޖަށް ގޮސްތިބޭ ޤައުމުތަކުގެ ވެރިންވެސް ބައިވެރިވެއެވެ. މިއަހަރާ ހަމަޔަށް މިކަން ކުރަމުން އައީ އެތައް މިލިއަން މީހުންނާއެކު ޙަރަމްފުޅު ފުރިފައި އޮތުމަށްފަހު ހުސްވާ ދުވަހުއެވެ. ޙައްޖު މަހުގެ 9 ވަނަދުވަސް ނުވަތަ ޙައްޖު ދުވަހުއެވެ. އެދުވަހު ހުރިހާ ޙައްޖުވެރިން ތިބޭނީ ޙައްޖުގެ އެންމެ މުހިއްމު ރުކުން އަދާކުރުމަށް އަރަފާތު ބިމުގައެވެ.

ޙައްޖުގެ ކިސްވާ ކޮންމެ އަހަރަކު ބަދަލުކުރަމުން އަންނައިރު އެ ކިސްވާ ފަހާފައި އޮންނަނީ އެންމެ މޮޅު ސިލްކުންނެވެ. އަދި ކިސްވާގެ މެދަށްވާ ގޮތަށް ގެފުޅު ވަށާ ލިޔެފައިވާ ޤުރުއާނުގެ އަޔާތްތައް ވިޔެފައި ހުންނަނީ ރަނާއި ރިހީގެ ރޮދިންނެވެ.

ކޮންމެ އަހަރެއްގެ ހައްޖާއި ދިމާކޮށް ގެފުޅުގެ އުރަކޮޅު ކިސްވާއަށް ވެސް ބައެއް ބަދަލުތައް ގެނެއެވެ. މިގޮތުން ކިސްވާ ތިރިން ފެށިގެން ވަކިވަރަކަށް ވުރެ މައްޗަށް ހިއްލައެވެ. އަދި ކިސްވާގެ ތިރީ ކައިރީގައި ޙައްޖުވެރިންގެ އިހްރާމް ސިފަވާގޮތަށް ހުދު ފޮތި ގަނޑެއް ހަރުކުރެއެވެ.

ޢާއްމުކޮށް ކޮންމެ އަހަރަކުވެސް ޙައްޖުމަސް ފެށުމުގެ ކުރިން ޒުލްޤައިދާ މަހުގެ 15ވަނަދުވަހު ގެފުޅުގެ އުރަކޮޅު ކިސްވާ ބިމުން ފެށިގެން ތިން މީޓަރު މައްޗަށް ހިއްލައެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން 2020 ވަނަ އަހަރުގައި ކިސްވާ މައްޗަށް ހިއްލާލީ ޙައްޖު މަހުގެ އެއްވަނަދުވަހުއެވެ. މިފަހަރު މިދުވަހުވެސް މުޅި ހަރަމްފުޅު އޮތީ ހުސްކޮށެވެ.

ކިސްވާ މައްޗަށް އުފުލާ ހިއްލާލާ އެއް ސަބަބަކީ ޙައްޖުގެ ދުވަސްވަރު އަންނަ މީހުންނާއިގެ ހަރަމްފުޅު ފުރި ބާރުވެފައި އޮންނައިރު ގެފުޅުގެ އުރަކޮޅަށް ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. ސަބަބަކީ މީހުން ގިނަވެ ތޮއްޖެހިފައި އޮއްވާ ގެފުޅުގެ އުރަކޮޅުގައި ހިފާ ދަމާ ހެދުމުން ކިސްވާ އިރައިގެންގޮސް ބައެއް ވެއްޓި އެއްވެސް ޙައްޖާޖީއަކަށް ގެއްލުމެއް ދިމާވިޔަ ނުދިނުމެވެ.