ދުނިޔޭގެ ވިޔަފާރި

50 ހާސް އިލެކްޓްރިކް ވެހިކަލް ވިއްކަން ޓާޓާއިން އަމާޒު ހިފައިފި


މި ހިނގާ ފިސްކަލް އަހަރު ނިމެންވާއިރަށް 50 ހާސް އިލެކްޓްރިކް ވެހިކަލް ވިއްކަން އިންޑިއާގެ އޮޓޮމޭޓިވް ކުންފުނި، ޓާޓާއިން އަމާޒު ހިފާފައިވާކަމަށް ކުންފުނީގެ ޗެއާމަން ޗަންދުރާސޭކަރަން ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުން 2024 ގެ މުއްދަތުގައި މި އަދަދު ދެ ގުނަ ކުރުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

2021 ވަނަ އަހަރުން 2022 ވަނަ އަހަރުގެ ނިޔަލަށް 19105 އިލެކްޓްރިކް ވެހިކަލް ޓާޓާއިން ވަނީ ވިއްކާފައެވެ. މިއީ އޭގެ ކުރީ ފިސްކަލް އަހަރު ނިމުނު އިރު ވިއްކި އަދަދަށްވުރެ %35 މަތީ އަދަދެކެވެ.

ތަކެތީގެ އަގު ހަމަޔަކަށް އެޅުމާއި ސެމިކޮންޑަކްޓާސް ލިބުންވެސް މަޑުމަޑުން ރަގަޅުވަމުންދާތީ މިއަހަރު އެ ކުންފުނީގެ ވިޔަފާރި ރަނގަޅުވާނެކަމަށް އުންމީދުކުރާ ކަމަށްވެސް ޗަންދުރާސޭކަރަން ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލާއި ކާބަން މަދުކުރުމުގެ އެޖެންޑާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އެންމެ އިސްކަމެއްދޭ ކަމަކީ ތެލުގެ ބަދަލުގައި ކަރަންޓު ބޭނުންކުރާ ތަކެތި އުފެއްދުމެވެ. އިލެކްޓްރިކް ކާރުގެ ސަބަބުން އިންޑިއާއިން އިމްޕޯޓުކުރާ ތެލުގެ މިންވަރު ދަށްވެ ވައި ނުސާފުވުމުގެ މައްސަލަތައްވެސް މަދުވާނެއެވެ.

އިލެކްޓްރިކަލް ވެހިކަލް އުފެއްދުމަށް މަޝްހޫރު ކާރު އުފައްދާ ކުންފުނި ފޯޑުގެ ކާރުޚާނާއެއްވެސް ޓާޓާއިން ވަނީ މިދިޔަ ޖޫންމަހުގެ ކުރީކޮޅު ގަނެފައެވެ.