ކުޅިވަރު

ސިޓީގެ ފޯވާޑް ޖެސޫސް އާސެނަލަށް ސޮއިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކުރިއަށް ކުޅޭ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ބްރެޒިލްގެ ގެބްރިއަލް ޖޭސުސް އާސެނަލްއަށް ސޮއިކޮށްފިއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި ޖޭސުސް އާސެނަލްއަށް ސޮއިކޮށްފައިވަނީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެދަށުން 45 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

އުމުރުން 25 އަހަރުގެ ޖޭސުސްއަކީ އާ ސީޒަނަަށް އާސެނަލްއަށް ގެންދިޔަ ހަތަރުވަނަ ކުޅުންތެރިޔާއެވެ. އަދި އާސެނަލްގެ މިހާރުގެ ކޯޗަކީ ސިޓީގެ ކުރީގެ އެސިސްޓަންޓް ކޯޗް މިކެލް އާޓެޓާކަމުން ޖޭސުސްއަށް އެޓީމަށް ހޭނުމަށް މާގިނަ ވަގުތު ތަކެއް ނަގާނެކަމަކަށް ނުބެލެއެވެ.

އާޓެޓާ ހާމަކުރިގޮތުގައި ޖޭސުސް އޭނާގެ ޓީމާއި ގުޅުމުން ހިތްހަމަޖެހިފައިވާކަމަށެވެ. އަދި ކްލަބުން މިފެންވަރުގެ ކުޅުންތެރިޔަކު އެކްލަބަށް ގެނައުމުގައި ކޮށްފައިވަނީ ވަރަށް މުހިންމު މަސައްކަތެއްކަމަށްވެސް އޭނާ ހާމަކުރިއެވެ. އާސެނަލްގެ ކުރިއަށް ކުޅޭ އެންމެ ފާހަގަ ކޮށްލެވޭ ދެކުޅުންތެރިންކަމަށްވާ ޕިއޭ އެމެރިކް އައުބެމެޔާންގ އާއި އެލެގްޒެންޑަރ ލަކަޒެޓް މިހާރު އެޓީމްގައި ނެތުމުން އާސެނަލްގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށް އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އާސެނަލްގައި ޖޭސުސް ބޭނުން ކުރާނީ 9 ނަމްބަރު ޖަރޒީއެވެ. ޖޭސުސް އާސެނަލް އާއި ގުލިފައިމިވަނީ ސިޓީގައި ފަސް އަހަރާއި ބައި ހޭދަކުރުމަށްފަހުއެވެ. އޭނާވަނީ މިމުއްދަތުގެ ތެރޭގައި ސިޓީއަށް 236 މެޗް ކުޅެދީ 95 ލަނޑު ޖަހާދީފައެވެ. އަދި ސިޓީ އާއި އެކު ޕްރިމިއަރ ލީގުގެ ތަށި ހަތަރު ފަހަރު ހޯދާ، ލީގު ކަޕް ތިން ފަހަރު އަދި އެފް އޭ ކަޕް އެއް ފަހަޕރު ކާމިޔާބު ކޮށްފައެވެ. ޖޭސުސް ހާމަކުރިގޮތުގައި ސިޓީއަށް ކުޅުމަކީ އޭނާއަށް ލިބިގެންދިޔަ ޝަރަފެކެވެ. އަދި އޭނާ ސިޓީ އާއި މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ގުޅުނުއިރަށް ވުރެ މިހާރު އޭނާގެ ކުޅުމުގެ ފެންވަރު ވަރަށް ބޮޑު ތަނުން ރަނގަޅުވެފައިވާކަމަށެވެ. އަދި ސިޓީގެ ހުރިހާ ފަރާތްތަކަށް އޭނާވަނީ ޝުކުރު އަދާކޮށްފައެވެ.