ޚަބަރު

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޮޑުކުރަނީ


އިޤްތިޞާދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރަށް ބަލާފައި ސިޔާސަތުކަށް ބަދަލު ނުގެންނަނަމަ 2025 ވަނަ އަހަރަށް ދާންވާއިރަށް ދަޢުލާތުގެ ޢާމްދަނީ 30 ބިލިޔަން ރުފިޔާއަށް އަރާނެ. ޚަރަދުތައް ކުޑަ ނުކޮށްފިނަ 2023 ވަނަ އަހަރު 46 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން ޖެހޭނެ. މިއީ ބޭރުގެ މާލީ ބާޒާރުގެ ހާލަތާއި ބޭރުގެ ޢިޤްތިޞާދީ ހާލަތަށް ބަލާފައި ފައިނޭންސް ކުރެވޭނެ މިންވަރެއް ނޫން. ފައިނޭންސް ކުރިނަމަވެސް އެކަން ކުރަންޖެހޭނީ ބޮޑު އަގުގައި. ކޯވިޑްގެ ހާލަތުގައި ސްކޫކް އިޝޫ ކުރި ރޭޓަށްވުރެ ދުނިޔޭގެ އިންފްލޭޝަން ރޭޓް އިތުރުވެގެން އެބަދޭ. ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވިނަމަވެސް ޚަރަދުތައް ހިފަހައްޓަންޖެހޭ" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަންޖެހެނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށްވެސް އެއްވެސް ބުރޫއެއް އެރުމެއް ނެތި ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ އަގު ހެޔޮކުރުމުގެ ގޮތުނުން މިއަހަރުގެ މިހާތަނަށް 910 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިކަމަށްޓަކައި 2021 ވަނަ އަހަރުގައި ދައުލަތުން ޚަރަދުކޮށްފައިވަނީ 546 މިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ވަނީ ފެނާއި ކަރަންޓުން ރައްޔިތުންނަށް ޑިސްކައުންޓް ދިނުމުގެ ގޮތުން 298 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދަޢުލަތުގެ ޙަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމް ކުރުމާށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ޚަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ކޯވިޑާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އެރި ލޮޅުމާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑު ހީނަރުކަމެއް ކުރިމަތިވިކަމަށެވެ. އެހެންނަމަވެސް އިޤްތިޞާދު ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިހާރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ އިޤްތިޞާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ކޯވިޑާއެކު ރާއްޖޭގެ އިޤްތިޞާދު 33 އިންސައްތަ ދަށަށްދިޔައިރު ޖީޑީޕީގެ ނިސްބަތުން ދައުލަތަށް ބޮޑު އާމްދަނީއެއް ގެއްލުނުކަމަށެވެ.

"2020 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެމދު ކޯވިޑް އާ ގުޅިގެން ގާތްގަޑަކަށް 13 މިލިޔަން ބެޑް ނައިޓްސް ވަނީ ފަތުުރުވެރިކަމުގެ ދާއިރާއިން ނުލިބި. މިއީ ކޯވިޑް 19 ކުރިން 2019 ވަނަ އަހަރުގައި ބެޑްނައިޓްސްއަށް ބަލާއިރު އައީ 10.7 ބެޑްނައިޓްސް. އެއީ ގާތްގަޑަކަށް 1 އަހަރުގެ ކޯވިޑް އާއެކު ގެއްލިފައި މިވަނީ. ނޮމިނަލް ޖީޑީޕީއަށް އިތުރުވާނަކެކަމަށް ބެލީ 88.8 ބިލިޔަން ރުފިޔާ ގެއްލިގެން ދިޔަ. މިއިީ ބަލިމަޑުކަމުގެ ކުރިން 1 އހަރުދުވަހުގެ ރާއްޖޭގެ އިޤްތިޞަދުގައި އުފެއްދި މުދަލާ ޚިދުމަތުގެ އަގަށް ވުރެ މަތީ އަދަދެއް. 2019 ވަނަ އހަރުގެ ނިމިނަލް ޖީޑީޕީއަކީ 86.3 ބިލިޔަން ރުފިޔާ" މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވިއެވެ.

މިއަހަރު ރާއްޖޭގެ އިޤްތިޞާދު 13 އިންސައްތައާއި 16 އިންސައްތައާ ދެމެދުން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަކީ ކޯވިޑަށްފަހު ދުނިޔޭގައި އެންމެ ބާރަށް އިއާދަވަމުންދާ އިޤްތިޞާދުގެ އިތުރުން، އޭޝީއާގެ ޤައުމުތަކުގެ ތެރެއިން 2 ވަނައަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ކޯވިޑްގެ ތެރޭގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ހާސިލުކުރެވެމުންދާ ކާމިޔާބީއެއްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.